ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކަށް ޖުމްލަ 478 މިލިޔަން ޑޮލަރު ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކަށް ޖުމްލަ 478 މިލިޔަން ޑޮލަރު ދޫކޮށްފި

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކަށް ޖުމްލަ 478 މިލިޔަން ޑޮލަރު ދޫކޮށްފައިވާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދޫކުރެވުނު އަދަދެކެވެ.

ބޭންކުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމަށް 166 މިލިޔަން ޑޮލަރު ވިއްކާފައިވެއެވެ. މީގެ އިތުރުން، ރެމިޓެންސް ނުވަތަ ބޭރަށް ފައިސާ ފޮނުވުމުގެ މުއާމަލާތްތައް މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 20 އިންސައްތަ އިތުރުވެފައިވާކަން ބޭންކުން ފާހަގަކުރެއެވެ.

ކާޑު މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ބަލާއިރު، ކްރެޑިޓް އަދި ޑެބިޓް ކާޑު ބޭނުންކޮށްގެން ކުރި މުއާމަލާތްތަކަށް ބޭންކުން ވަނީ 226 މިލިޔަން ޑޮލަރު ފޯރުކޮށްދީފައެވެ. މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު 29 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިޔަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ 2021 ވަނަ އަހަރުގެ ތަފާސްހިސާބުތަކާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ. މިއީ ރާއްޖޭގެ އިގްތިސާދީ މުއާމަލާތްތައް އިތުރުވަމުންދާކަމުގެ ނިޝާނެއްކަމަށް ބެލެވެއެވެ.

ޑޮލަރު ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް، ރާއްޖޭގެ އިގްތިސާދީ މުހިންމު ބޭނުންތަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން މުހިންމު ދައުރެއް އަދާކުރަމުންދާނެ ކަމުގެ ޔަގީންކަން ބީއެމްއެލްއިން ވަނީ ދީފައެވެ.

މިއަދު އޮންލައިން