މިއަހަރުތެރޭ އިތުރު 15 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
މިއަހަރުތެރޭ އިތުރު 15 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފަށަނީ

މިއަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު 15 ރަށެއްގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހާމަކޮށްފިއެވެ. މިއީ އަތޮޅުތެރޭގެ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވެމްކޯގެ ޖެނެރަލް މެނޭޖަރ އިސްމާޢީލު އުބައިދު ވިދާޅުވީ، ރަށްރަށުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވެމްކޯއާ މުހިންމު މަސައްކަތްތަކެއް ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން ރަށްރަށުގައި ކުނިކޮށި ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 26 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އުބައިދު ވިދާޅުވި ގޮތުގައި، ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާ 26 ރަށުގެ ކައުންސިލްތަކާއެކު މަޝްވަރާކުރެވި، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ނިމިފައެވެ. "މިހާރު ކުރަމުންދަނީ ޢަމަލީގޮތުން މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ވެހިކަލްތަކާއި، މެޝިނަރީތައް ހޯދުމުގެ މަސައްކަތްތައް،" އުބައިދު ވިދާޅުވިއެވެ.

ވެމްކޯގެ އަމާޒަކީ މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު، މިއަހަރު ނިމުމުގެ ކުރިން އޭގެ ތެރެއިން 15 ރަށެއްގައި ރަސްމީކޮށް ޚިދުމަތް ފޯރުކޮށްދޭން ފެށުމެވެ. މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގައި ކުނި މެނޭޖްކުރުމަށް ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުންޏުން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން