ބޮޑުތަކުރުފާނު މަގުގެ ބާކީ ބައި ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ބޮޑުތަކުރުފާނު މަގުގެ ބާކީ ބައި ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ: ރައީސް

މާލޭގެ ބޮޑުތަކުރުފާނު މަގުގެ ބާކީ އޮތް ބައި ތަރައްޤީކޮށް، އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، އެމްޕީއެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާ މައިޒާންއާ ހަމައަށް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި މަސައްކަތް ނިމުމުން މާލޭގެ ބޭރުމަގު އެއްކޮށް ރަނގަޅު ފެންވަރަކަށް ތަރައްޤީވެ، މާލޭގެ އެތެރޭގެ މަގުތަކުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަގުގެ ފަރުމާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، "މި މަސައްކަތް ނިމުނީމަ ކޮޅަކަށް ދެ ލޭން އޮންނަ މަގެއް އޮންނާނެ. އޭގެ ސަބަބުން މާލެ ތެރެއަށްވެސް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެ،" ކަމަށެވެ. އަދި ދަތުރުފަތުރުގެ ނިޒާމަކީ ތަރައްޤީގެ އެންމެ މުހިއްމު އެއް އަސާސްކަމަށް ވުމާއެކު، މާލެއާއި ރަށްރަށުގެ މަގުތައް ހެދުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ ބައެއް ސުވާލުތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، މިއީ ސީދާ މި ސަރުކާރުން ކުރިއަށްގެންދިޔުމަށް ނިންމައި، ބޭނުންވާ ފައިސާވެސް ހަމަޖައްސައިގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ. ސިޔާސީ މަންފާ ހޯދުމުގެ ބަދަލުގައި ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ބަލައިގަނެ މަރުހަބާ ކިޔުމަކީ މުހިއްމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަގު ތަރައްޤީކުރުމުގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި ރުއްޖެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، ލޯންޗްފަދަ އުޅަނދުފަހަރު ލަފާ ފުރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކުދި ޖެޓީތަކެއް ތަރައްޤީކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ.

މިއަދު އޮންލައިން