ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް ގެންނަ އިސްލާހުތަކާއެކު އޮތޯރިޓީގެ ހިންގުން ހަރުދަނާވާނެ: މެންބަރުން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް ގެންނަ އިސްލާހުތަކާއެކު އޮތޯރިޓީގެ ހިންގުން ހަރުދަނާވާނެ: މެންބަރުން

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް ގެންނަ އިސްލާހުތަކާއެކު އެ އޮތޯރިޓީގެ ހިންގުން ހަރުދަނާވެ، މިނިވަންކަމާއެކު ޚިދުމަތްތައް ބެލެހެއްޓުމަށް މަގުފަހިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ. މި ބިލަށް ބަހުސް ކުރައްވަމުން މެންބަރުން ވަނީ މި ބަދަލުތަކުގެ ސަބަބުން ޚިދުމަތްތައް ރެގިއުލޭޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ލިބޭނެކަން ފާހަގަކުރައްވާފައެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ވިދާޅުވީ، ބިލުގެ މައިގަނޑު ބޭނުމަކީ ޔޫޓިލިޓީ އޮތޯރިޓީގެ ހިންގުން ހަރުދަނާކުރުން ކަމަށެވެ. "މި ބިލުގެ މަގްސަދަކީ އިދާރީ އޮނިގަނޑާއި ބޯޑުން ކުރާ ކަންކަން ވަކި ނިޒާމެއްގެ ތެރެއަށް ފެއްތުމާއި، އާއްމު ޚިދުމަތްތައް އެހެނިހެން ޤާނޫނުތަކާއި ފުށުނާރާނެ ފަދައިން ތަންފީޒުކުރުމަށް މަގުފަހިކޮށްދިނުން،" މެންބަރު ވިދާޅުވިއެވެ.

ބަހުސްގައި ބައިވެރިވި ބައެއް މެންބަރުން ވަނީ މި ބިލުގެ ސަބަބުން ޔޫޓިލިޓީ އޮތޯރިޓީގެ މަސައްކަތްތަކަށް އިޖުރާއީ ގޮތުން އިތުރު ލުއިތަކެއް ލިބި، ދިމާވާ ޤާނޫނީ ފުށުއެރުންތަކަށް ހައްލު ލިބޭނެކަން ފާހަގަކުރައްވާފައެވެ. އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، މި ބިލުގެ ސަބަބުން އޮތޯރިޓީ އެންމެ ފުރިހަމައަށް ހިންގަން ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެ އޮތޯރިޓީގެ ޒިންމާއަކީ ހަމައެކަނި ޚިދުމަތުގެ އަގު ކަނޑައެޅުން ކަމަށް ވެގެންނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ، އެއް ވިއުގައެއްގެ ތެރެއިން ޔުޓިލިޓީ ޚިދުމަތްތައް ދިނުމަކީ އާއްމުންނަށް ލިބޭ ޚިދުމަތް އެތައް ގުނައެއް ރަނގަޅުވާނެ ކަމެއް ކަމަށެވެ. ޔުޓިލިޓީ ޚިދުމަތްތައް އެއް ވިއުގައެއްގެ ތެރެއިން ބެލެހެއްޓުމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެ، މުޅި ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް މެންބަރުން ވަނީ އިއްތިފާގުވެފައެވެ.

މިއަދު އޮންލައިން