ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި، އެފަދަ ތަންތަން ބޭނުންކުރުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށްޓަކައި "ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސަޢުދުﷲ ޙިލްމީ އެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ މިހާރު އަމަލުކުރަމުންދާ "ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު" އުވާލައި، ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމާއި، ކުއްޔަށް ދިނުމުގެ އިތުރުން ވަކި ބޭނުމަކަށް އެކަށައެޅިފައިނުވާ ރަށްރަށް ވަރުވާއަށް ލިޔެދިނުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމެވެ. ބިލުގައިވާ ގޮތުން، ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ފަޅުރަށްރަށް އެކަށައަޅާނީ ފަތުރުވެރިކަން، ސިނާއީ މަސައްކަތް، މަސްވެރިކަން، ދަނޑުވެރިކަން، އިގްތިސާދީ އަދި އިޖުތިމާއީ ބޭނުންތަކުގެ އިތުރުން ދައުލަތުގެ ބޭނުންތަކަށެވެ. ފަތުރުވެރިކަމާއި ސިނާއީ ބޭނުމަށް އެކަށައަޅާ ރަށްރަށް ފިޔަވައި، ކައުންސިލުތަކުގެ އިޚްތިޞާޞްގައި ހިމެނޭ ރަށްރަށް އެކި ބޭނުންތަކަށް އެކަށައަޅާނީ އެ ރަށެއް ނިސްބަތްވާ ކައުންސިލަކުންނެވެ. ނަމަވެސް، ކައުންސިލެއްގެ އިޚްތިޞާޞްގައިވާ ރަށެއް ފަތުރުވެރިކަމަށް ނުވަތަ ސިނާއީ ބޭނުމަކަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިނަމަ، އެ ރަށެއް އެ ކައުންސިލެއްގެ އިޚްތިޞާޞުން ވަކިވާނެއެވެ.
މި ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ތަންތަނުގެ ކުލި ނަގާނެ ގޮތްތައްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ސިނާއީ އަދި އިގްތިސާދީ ބޭނުންތަކަށް އަކަމީޓަރަކަށް އަހަރަކު 3 ރުފިޔާ، މަސްވެރިކަމާއި ދަނޑުވެރިކަމަށް 2.50 ރުފިޔާ، އަދި އިޖުތިމާއީ ބޭނުންތަކަށް 2 ރުފިޔާ ނެގުމަށް ވަނީ ހުށަހަޅާފައެވެ. ގާނޫނާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. ވަރުވާއަށް ދޫކުރާ ރަށްރަށާ ގުޅޭގޮތުން ހިލާފުވެއްޖެނަމަ 500,000 ރުފިޔާއާ ހަމައަށް، އަދި ކުއްޔަށް ދޫކުރާ ފަޅު ނުވަތަ ރަށަކާ ގުޅޭގޮތުން ހިލާފުވެއްޖެނަމަ 1,000,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.
މި ބިލަކީ ރާއްޖޭގެ ފަޅުރަށްރަށުން ލިބޭ އިގްތިސާދީ މަންފާ އިތުރުކޮށް، އެތަންތަން ބޭނުންކުރުމުގައި ހާމަކަން ބޮޑު ދެފުށްފެންނަ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. ބިލުގައި ބަޔާންކުރާ ގޮތުން، ތިމާވެށި ނުވަތަ ދިރުންތައް ހިމާޔަތްކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތައް އެހެން ބޭނުމަކަށް ކަނޑައެޅުން ވަނީ މަނާކޮށްފައެވެ.