މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ޙާރިޘް މުޙައްމަދު އައްޔަންކޮށްފިއެވެ.
ޙާރިޘް މުޙައްމަދަކީ ވައިގެ ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކުން 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާއަކީ މި ދާއިރާތަކުން ފާހަގަކޮށްލެވޭ މެނޭޖްމަންޓް ކޮންސަލްޓަންޓެއްވެސް މެއެވެ.
އޭނާގެ ވަޒީފާގެ ޙަޔާތުގައި މީގެ ކުރިންވެސް ދައުލަތުގެ މުހިންމު ކުންފުނިތަކުގެ އިސް މަޤާމުތަކެއް ވަނީ ފުރުއްވާފައެވެ. އެގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިންގ މެނޭޖިންގ ޑައިރެކްޓަރުކަމުގެ މަޤާމާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޖެނެރަލް މެނޭޖަރުކަން ހިމެނެއެވެ.
އެމްޓީޑީސީގެ ހިންގުން ހަރުދަނާކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި އެ ކުންފުނީގެ ދައުރު ފުޅާކުރުމަށް ޙާރިޘްގެ ތަޖުރިބާގެ ބޭނުން ހިފޭނެ ކަމަށް ބެލެވެއެވެ.