ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް، ހަޤީޤަތް ބަދަލުނުވާނެ، ފައިސާ ޗާޕެއް ނުކުރަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 15ސ
ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް، ހަޤީޤަތް ބަދަލުނުވާނެ، ފައިސާ ޗާޕެއް ނުކުރަން: ރައީސް

ރާއްޖޭގެ އިޤްތިސާދީ މިސްރާބު ހަމަމަގަށް އެޅުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ އެންމެ ހަރުދަނާ ސިޔާސަތަކީ، ފައިސާ ޗާޕުކުރުމުގެ ނުރައްކާތެރި އުސޫލަށް ނޫނެކޭ ބުނުމެވެ. މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ދެއްވި ތަޤުރީރުގައި އެންމެ ބޮޑު ބާރެއް ދެއްވީ، ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މިއަދާ ހަމައަށްވެސް އެއްވެސް މިންވަރަކަށް ފައިސާ ޗާޕުކޮށްފައި ނުވާނެ ކަމުގެ ޔަޤީންކަމަށެވެ.

ފައިސާ ޗާޕުކުރުމަކީ އިޤްތިސާދީ ގޮތުން ބަލާއިރު، ވަގުތީ ހައްލެއް ފެނުނު ކަމުގައިވިޔަސް، ދިގު މުއްދަތުގައި އޭގެ ނޭދެވޭ އަސަރު މުޅި ޤައުމަށް ކުރާނެ ކަމެކެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެފަދަ ފަސޭހަ ނމަގުތަކަށް ނުގޮސް، ދެމެހެއްޓެނިވި އަދި ޒިންމާދާރު އުސޫލެއްގެ މަތިންނެވެ. ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް، ހަޤީޤަތް ބަދަލުނުވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ފައިސާ ޗާޕުކުރުމަކާ ނުލައި، ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކަމުން، އިޤްތިސާދު ފުޅާކުރުމުގެ ބުރަ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑު ވައުދުވީގޮތަށް ފައިސާ ޗާޕުނުކޮށް. މިއަދާ ހަމަޔަށް އައިއިރު އަދިވެސް ފައިސާ ޗާޕެއްނުކުރަން. ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް، ހަޤީޤަތްވާނީ ހަޤީޤަތަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ސިފަކުރެއްވި ގޮތުގައި، މި ސަރުކާރާއި ހަވާލުވިއިރު ި އިޤްތިސާދު އޮތީ ވަރަށް ބޮޑު އަނދަވަޅެއްގައެވެ. ޤައުމުގެ އިޤްތިސާދު އޮތީ އަޅުވެތިވެފައެވެ. ނަމަވެސް، މި ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ސުކޫކުތައް ދައްކައި ނިންމައި، ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ރަހުނުކޮށްފައި ހުރި ހަރުމުދާތައް ވަނީ މިނިވަންކޮށްފައެވެ. މިއީ ފައިސާ ޗާޕުނުކޮށް، މާލީ އިޞްލާޙީ ފިޔަވަޅުތަކާއެކު ހޯދުނު ބޮޑު ކާމިޔާބީއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ނަމަވެސް، ސަރުކާރުގެ މި ނިންމުންތަކާ މެދު އިދިކޮޅު ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. އެމް.ޑީ.ޕީގެ ރައީސް ޢަބްދުﷲ ޝާހިދު ތުހުމަތުކުރައްވާ ގޮތުގައި، ޕެންޝަން ފަންޑު މެދުވެރިކޮށް ޓީ-ބިލަށް އިންވެސްޓްކުރުމަކީ ނުސީދާކޮށް ފައިސާ ޗާޕުކުރުމެވެ. މީގެ ސަބަބުން ދިވެހި ރުފިޔާގެ ގަދަރު ކުޑަވެ، ތަކެތީގެ އަގު އުފުލިގެންދާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

މިފަދަ ފާޑުކިޔުންތަކަށް ރައީސް ދެއްވި ރައްދަކީ، މި ސަރުކާރަކީ "ނަތީޖާއިން ވާހަކަދައްކާނެ" ސަރުކާރެއް ކަމެވެ. އިޤްތިސާދީ މިނިވަންކަން ހޯދުމަށްޓަކައި މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ކުރު ރާސްތާ އަދި ދިގު ރާސްތާގެ ޕްލޭންތައް ވަނީ ކަމާބެހޭ މާހިރުންގެ ލަފަޔާއެކު އެކުލަވާލެވިފައެވެ.

"މި ސަރުކާރަކީ ނަތީޖާއިން ވާހަކަ ދައްކާ ސަރުކާރެކޭ. އިރާދަކުރެއްވިއްޔާ އެގޮތުގައި އަޅުގަނޑުމެން ކުރިއަށް މިދަނީ. ޤައުމުގައި ހުރި މި އިގްތިސާދީ މައްސަލަތައް ހައްލު ކުރުމުގައިވެސް. އަޅުގަނޑު ވައުދުވީގޮތަށް ފައިސާ ޗާޕުނުކޮށް. މިއަދާ ހަމަޔަށް އައިއިރު އަދިވެސް ފައިސާ ޗާޕެއްނުކުރަން. ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް، ހަގީގަތް ވާނީ ހަގީގަތަށް. އެހެންވީމާ، ފައިސާ ޗާޕުކުރުމަކާ ނުލައި، އެހެން މީހުން ނަގާފައި ހުރި ދަރަނިތައް ދައްކަމުން، އިގްތިސާދު ފުޅާކުރަމުން، އިގްތިސާދު ތަރައްގީ ކުރަމުން، ވެއްޓިފައި އޮތް އަނދަވަޅުން ނަގައި އިގްތިސާދު މިނިވަންކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށްގެންދާނީ ބާރު ސްޕީޑްގައި." ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ރާއްޖެއަކީ އިޤްތިސާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށް ވުމަކީ މުޅި ސަރަހައްދުގެ ހަމަޖެހުމަށްޓަކައިވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖެއަކީ ތަރައްޤީއާއި ތަމައްދުންގެ ރޭހުގައި ކުރިއަރާފައިވާ، ފަޚުރުވެރި މިނިވަން ޤައުމަކަށް ހެދުމެވެ. މި މަސައްކަތް ކުރިއަށްދާނީ ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް، ފައިސާ ޗާޕުނުކޮށް، ހަރުދަނާ މާލީ އުސޫލުތަކުގެ ތެރެއިންނެވެ.

މިއަދު އޮންލައިން