ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް ދޫކުރާ ފައިސާގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ކަނޑައަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް ދޫކުރާ ފައިސާގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ކަނޑައަޅައިފި

އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް ދޫކުރާ ފައިސާގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ކަނޑައަޅައިފިއެވެ. މިކަން ހާމަކުރައްވައި މާލީ ވުޒާރާއިން ވިދާޅުވީ، ދައުލަތުގެ ބަޖެޓު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ ދެ މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މާލީ ވުޒާރާއިން ވަނީ "ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އާ އެއްގޮތްވާގޮތުގެ މަތިން ކައުންސިލްތަކުން މެދު ރާސްތާ ބަޖެޓު ތައްޔާރުކޮށް އެ ވުޒާރާއަށް ހުށަހަޅަން ޖެހޭނެކަން ހަނދާންކޮށްދީފައެވެ. ބަޖެޓު ތައްޔާރުކުރާއިރު އާމްދަނީއާއި ޚަރަދު ވަކިން އެނގެން އޮންނަންވާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ކައުންސިލްތަކުން ބަޖެޓު ތައްޔާރުކުރާއިރު ހިމަނަންޖެހޭ ކަންކަން މާލީ ވުޒާރާއިން ވަނީ ތަފްސީލުކޮށްދީފައެވެ. އޭގެ ތެރޭގައި ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީއާއި، ސަރުކާރުގެ އިދާރާތަކުން ކޮންޑިޝަނަލް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީއާއި، ކައުންސިލްތަކުގެ ޓްރަސްޓް ފަންޑް އަދި ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީ ހިމެނެއެވެ.

މީގެ އިތުރުން، 2027 އިން 2029 ވަނަ އަހަރަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ކަނޑައަޅާނެ ކަމަށް ލަފާކުރާ އަދަދުތަކަށްވުރެ ބަޖެޓު ބޮޑުނުވާނެ ގޮތަށް ތައްޔާރުކުރުމަށް ވުޒާރާއިން ވަނީ އިރުޝާދު ދީފައެވެ. ނަމަވެސް، ކައުންސިލްތަކުން ބަޖެޓު ފައިނަލް ކުރާނީ ގާނޫނުގައިވާ ގޮތުގެ މަތިން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރުމުން، އެ ބަޖެޓުގައިވާ އަދަދުތަކަށް ރިއާޔަތްކޮށްގެން ކަމަށްވެސް މާލީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން