މާލޭގެ މަގުތައް މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން، އަމީނީ މަގު މަރާމާތު ކުރުމަށް ކުރަންޖެހޭ ސަރވޭގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންގޮސްފިއެވެ.
މި މަސައްކަތާ ގުޅޭގޮތުން އެމްޓީސީސީ އިން ބުނެފައިވަނީ، މާލޭ ރޯޑް ޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ސަރވޭތަކުގެ ތެރެއިން "ކޯ ކަޓިންގ" މަސައްކަތްތައް އެ ކުންފުނީގެ ސަރވޭ ޓީމުން މިއަދު އަމީނީ މަގުގައި ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.
މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ތެރޭގައި އަމީނީ މަގުގެ އިތުރުން، އިއްޒުއްދީން މަގު އަދި ބޮޑުތަކުރުފާނު މަގު މަރާމާތުކުރުން ހިމެނެއެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ މާލޭގެ މަގުތަކަކީ އަމާން އަދި ދަތުރުފަތުރު ކުރުމަށް ފަސޭހަ މަގުތަކަކަށް ހެދުމެވެ.
އެމްޓީސީސީ އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ސަރވޭތަކަކީ މަގު ހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން މަގުގެ ހާލަތު ދެނެގަތުމަށާއި، ފެންވަރު ރަނގަޅުކޮށް މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެކެވެ.