އެމްއެފްޑީއޭގެ ހުއްދަ ނެތި އާއްމު އެއްވެސް ފިހާރައެއްގައި އެއްވެސް ބޭހެއް ނުވިއްކޭ ގޮތަށް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
އެމްއެފްޑީއޭގެ ހުއްދަ ނެތި އާއްމު އެއްވެސް ފިހާރައެއްގައި އެއްވެސް ބޭހެއް ނުވިއްކޭ ގޮތަށް ހަމަޖައްސައިފި

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ހުއްދަ ނެތި އާއްމު އެއްވެސް ފިހާރައެއްގައި އެއްވެސް ބާވަތެއްގެ ބޭހެއް ނުވިއްކޭ ގޮތަށް ބޭހާ ބެހޭ އައު ޤަވާއިދުގައި ކަނޑައަޅައިފިއެވެ. ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން އެކުލަވާލި މި ޤަވާއިދަށް ޢަމަލުކުރަން ފަށާނީ އަންނަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.

މި ޤަވާއިދުގެ ދަށުން، އެމްއެފްޑީއޭއިން ބޭހެއްގެ ގޮތުގައި ގިންތިކޮށްފައިވާ އެއްވެސް ބާވަތެއް އެ އޮތޯރިޓީގެ ހުއްދަނެތި އާންމު ފިހާރަތަކުގައި ބަހައްޓައި ވިއްކުމަކީ މަނާ ކަމެކެވެ. ނަމަވެސް ޑޮކްޓަރުގެ ލިއުމެއް ނެތި ދޫކުރާ ބައެއް ބޭސްތައް ހާލަތައް ބަލައި، އެމްއެފްޑީއޭގެ ހުއްދަ ނަގައިގެން އާންމު ފިހާރަތަކުގައި ވިއްކުމުގެ ފުރުޞަތު އޮންނާނެއެވެ. މީގެ އިތުރުން ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމުގައި ޢަމަލުކުރާނެ ހަރުދަނާ މިންގަނޑުތަކެއް ވެސް މި ޤަވާއިދުގައި ވަނީ ހިމަނާފައެވެ.

ބޭސް ވިއްކާ ފިހާރަތައް އެމްއެފްޑީއޭގައި ރަޖިސްޓްރީ ކުރަން ޖެހޭއިރު، ފާމަސީތައް ދެ ގިންތިއަކަށް ވަނީ ބަހާލާފައެވެ. އެއީ ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ ތެރޭގައި ހުންނަ ބޭސް ފިހާރަތަކާއި ވަކިން ހުންނަ ބޭސް ފިހާރަތަކެވެ. ކޮންމެ ތަނަކަށް ވެސް ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ 3 އަހަރުގެ މުއްދަތަށެވެ. އަދި ބޭސް ފިހާރަތަކުގައި ވެކްސިނާއި ބަޔޮލޮޖިކަލްސް ބަހައްޓާނަމަ އެކަން ލިއުމުން އެމްއެފްޑީއޭއަށް އަންގަން ޖެހޭނެއެވެ.

ފާމަސިސްޓުންގެ ޝަރުތުތަކަށް ބަލާއިރު، މަސައްކަތްކުރާ ބޭސްފިހާރައިގެ ނަމުގައި އެމްއެފްޑީއޭއިން ދޫކުރާ "ފާމަސިސްޓު ކާޑު" އޮންނަން ޖެހެއެވެ. ބިދޭސީ ފާމަސިސްޓުންނަށް ދިވެހިބަސް އެނގޭކަމުގެ ލިޔުން އޮންނަން ޖެހޭއިރު، އެފަދަ ލިޔުމެއް ނެތް ނަމަ ތަރުޖަމާކޮށްދެވޭނެ އިތުރު މުވައްޒަފަކު ފިހާރައިގައި ހުރުން ލާޒިމެވެ. އަދި އޮންލައިންކޮށް ބޭސް ވިއްކޭނީ ވެސް އެމްއެފްޑީއޭގައި ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މި ޤަވާއިދުގައި ބޭސް ސިޓީގައި ހުންނަންޖެހޭ މިންގަނޑުތަކާއި ބޭސް ލޭބަލް ކުރުމުގެ އުސޫލުތައް ވެސް ވަނީ ބަޔާންކޮށްފައެވެ. ޤަވާއިދާ ޚިލާފުވާ ފަރާތްތައް، ކުށުގެ ކުޑަބޮޑުމިނަށް ބަލައި 10,000 ރުފިޔާ އާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.

މިއަދު އޮންލައިން