ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ގެއްލިފައިވާ ބައި އަނބުރާ ހޯދުމަށްޓަކައި ޚާއްސަ އޮފީހެއް ގާއިމުކޮށް، އެ މަސައްކަތްތައް އަމަލީގޮތުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤްލާލަކީ ހުރިހާ ޤައުމުތަކަށްވެސް އެއްވަރަކަށް އޮތް ހައްޤެއްކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމުތަކުގެ ޓެރިޓޯރިއަލް އިންޓެގްރިޓީއަކީ އެ ޤައުމުތަކުގެ މިނިވަންކަން ދެމެހެއްޓުމުގެ މައިގަނޑު އަސާސް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ، މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤްލާލް އެއީ، އެންމެންނަށްވެސް އެއްވަރަކަށް އޮތް ޙައްޤެއް ކަމުގައި. ހުރިހާ ޤައުމުތަކަށްވެސް. ޤައުމުތަކުގެ ޓެރިޓޯރިއަލް އިންޓެގްރިޓީއަކީ، އެ ޤައުމުތަކުގެ މިނިވަންކަން ދެމެހެއްޓުމުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ކަށަވަރުވެގެން ދާންޖެހޭނެ އެއް އަސާސް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަން." ރައީސް ވިދާޅުވިއެވެ.
ނިމިދިޔަ އެމް.ޑީ.ޕީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ކަނޑުން ބޮޑުބައެއް ދޫކޮށްލާފައިވަނީ ޣައިރު ޤާނޫނީގޮތެއްގައި، ވަރަށް ފިނޑި އަދި ނޭއްގާނި ގޮތަކަށް ސިއްރުސިއްރުން ކަމަށެވެ. އެއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ބޭއިންޞާފެއްކަން ފާހަގަކުރައްވައި، އެ ސަރަޙައްދު އަނބުރާ ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއީ، ޤާނޫނީ ހަމަތަކުން ބަލާއިރުގައި، އަޅުގަނޑުމެންގެ ސަރަހައްދު. އެހެންވީމާ، އެ ސަރަހައްދު ދޫކޮށްލުމުގައި އެ ހިނގައިދިޔަ ކަންތަކުން އިންސާފު ލިބިގަތުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތައް އެބަ ކުރަން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ފޯޅަވަހި ނުވަތަ ޗާގޯސްގެ މައްސަލައަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ތާރީޚީ ލިޔެކިޔުންތަކުން ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަން ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. ޚާއްސަކޮށް 9 ވަނަ ހަސަން ރަސްގެފާނުގެ ލިޔުންތަކުން އެކަން ސާފުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ފޯޅަވަހި އެހެން ބަޔަކާ ހަވާލުކުރާނަމަ، އެތަނުގެ ހަގީގީ މިލްކުވެރިން ކަމުގައިވާ ދިވެހިންނާ އެތަން ހަވާލުކުރަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެކަމުގައި ޤައުމީ ރޫހެއްގައި މަޝްވަރާތައް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ތިބުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެއްވެސް ޤާނޫނީ ހަމައެއްނެތި ރާއްޖޭގައި ބޭރުގެ ސިފައިން ބޭތިއްބުމަކީ މި ސަރުކާރުން ބަދަލުކުރަން ބޭނުންވި ސިޔާސަތެއް ކަމަށެވެ. އެގޮތުން އިންޑިޔާ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުން، އެ ޤައުމުގެ ފުރިހަމަ އެއްބާރުލުމާއެކު ރާއްޖޭގައި ތިބި އިންޑިޔާގެ މިލިޓްރީ ސިފައިން މިހާރު އަނބުރާ ގެންގޮސްފައިވާކަން އެމަނިކުފާނު އުފަލާއެކު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ "ދިވެހީންގެ ރާއްޖެ" އެގޮތުގައި ބާއްވައި، ދިވެހީންނަށް އިސްކަންދީގެން މިނިވަންކަން ހަޤީޤީ މާނައިގައި ދެމެހެއްޓުން ކަމަށެވެ.