ރާއްޖޭގެ ޑިމޮކްރަސީ އާއި ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ޔޫތު ޕާލަމަންޓް ގާއިމް ކުރަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ރާއްޖޭގެ ޑިމޮކްރަސީ އާއި ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ޔޫތު ޕާލަމަންޓް ގާއިމް ކުރަނީ

ރާއްޖޭގެ ޑިމޮކްރަސީ އާއި ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ޚާއްޞަ "ޔޫތު ޕާލަމަންޓް" ނުވަތަ ޒުވާނުންގެ މަޖިލީހެއް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގެ ޒުވާނުންނާއި އަންހެނުންގެ ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމަވާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޒުވާނުންނާއި އަންހެނުންނަކީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އިންސައްތައެއް ހިއްސާކުރާ ބަޔަކަށްވާއިރު، ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރޭގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަކީ ޑިމޮކްރަސީ ހަރުދަނާކުރުމަށް ކޮންމެހެން މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ޔޫތު ޕާލަމަންޓް ގާއިމުކުރުމުގެ އިތުރުން، ސިޔާސީ ދާއިރާގައި ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ޤާނޫނުއަސާސީއަށާއި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބަދަލުތަކުގެ މަގްސަދަކީ ދައުލަތުގެ މިނިވަންކަން ދެމެހެއްޓުމުގައި ޒުވާނުންނާއި އަންހެނުންގެ ދައުރު ފުޅާކުރުމެވެ.

ޒުވާނުންގެ މަޖިލިސް އެކުލެވިގެންވާ ގޮތާ ގުޅޭގޮތުން ރައީސް ވިދާޅުވީ، "ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތައް ހިމެނޭގޮތަށް، ޒުވާނުންގެ ތެރެއިން އިންތިޚާބު ކުރެވިގެންދާ ޒުވާނުން ހިމެނޭގޮތަށް ޒުވާނުންގެ މަޖިލީހެއް ޤާއިމުކުރުމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަންގެ ތެރޭގައި، ވަކި އިންސައްތައެއް އެއީ، ޒުވާނުން ކަމުގައި އަދި ވަކި އިންސައްތައެއް އެއީ، އަންހެނުން ކަމުގައި ކަނޑައެޅުމަށް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙު ގެނައުމާއި، މިފަދަ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަޖިލީހަށް ހުށަހަޅާނަން،" ކަމަށެވެ.

މި ނިންމެވުމާއެކު، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ސިޔާސީ މަސްރަޙުން ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަ ފުރުޞަތުތަކެއް ފަހިވެ، ޤައުމުގެ މުހިންމު ނިންމުންތަކުގައި އެ ފަރާތްތަކުގެ ބަސް އިއްވުމުގެ ފުރުޞަތު އިތުރަށް ތަނަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން