ޒަކާތުފަންޑުން އިންވެސްޓް ކުރާނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤަށް އެއްވެސް އުނިކަމެއް ނާންނާނެހެން: ޒަކާތު ހައުސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޒަކާތުފަންޑުން އިންވެސްޓް ކުރާނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤަށް އެއްވެސް އުނިކަމެއް ނާންނާނެހެން: ޒަކާތު ހައުސް

ޒަކާތު ފަންޑުގައި ހުރި ފައިސާ އިންވެސްޓް ކުރުމުގައި ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އެއްވެސް އުނިކަމެއް ނާންނާނެކަމުގެ ޔަޤީންކަން މޯލްޑިވްސް ޒަކާތު ހައުސްއިން ދީފިއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް އައްޝައިޚު އިމްތިތާޢު ޢައްބާސް ވިދާޅުވީ، ޒަކާތު ފަންޑުން އިންވެސްޓްކުރާއިރު ޝަރުޢީ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ޚާއްޞަ ޝަރުތުތަކަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ފަންޑަކީ ފަޤީރުންނާއި މިސްކީނުންގެ މުދާ ހިމެނޭ ފަންޑަކަށް ވާތީ، އިންވެސްޓްމަންޓްތައް ކުރިއަށް ގެންދާނީ އެ ފަރާތްތަކުގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރެވޭނެ ގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިމްތިތާޢު ވިދާޅުވީ، ޒަކާތު ފަންޑު އިންވެސްޓް ކުރުމާ ގުޅޭ ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. "ޤާނޫނުގެ ތެރެއިން މިހާރު ހުރިހާ ޤަވާއިދުތަކެއް ޑްރާފްޓްކޮށްފައި އޭޖީ އޮފީހަށް ފޮނުވާފައިވަނީ. ބައެއް ޤަވާއިދުތައް މިހާރުވެސް ގެޒެޓްކޮށްފައިވަނީ،" އޭނާ ވިދާޅުވިއެވެ.

ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާއިން ޒަކާތުގެ ބެހެނިވެރިންނަށް ދެވޭ މިންވަރު އިތުރުކުރުމުގެ މަޤްޞަދުގައި، ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓް ކުރެވޭނެ ގޮތް ކަނޑައަޅައި، ޒަކާތު ފަންޑު ހިންގުމާ ބެހޭ ޤަވާއިދެއް މިއަހަރުގެ މާރިޗު މަހު ވަނީ އެކުލަވާލާފައެވެ. މި އިޞްލާޙުތަކާއެކު ޒަކާތު ފަންޑު އިތުރަށް ތަރައްޤީވެ، އޭގެ މަންފާ ޙައްޤުވެރިންނަށް ފުޅާދާއިރާއެއްގައި ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން