މިއަހަރުގެ މިނިވަން ދުވަހަކީ ފާއިތުވި 10 އަހަރު ތެރޭގައި އެންމެ ގިނަ އަދަދަކަށް ބޭރުގެ ޑިޕްލޮމެޓުން ބައިވެރިވި އަހަރު: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
މިއަހަރުގެ މިނިވަން ދުވަހަކީ ފާއިތުވި 10 އަހަރު ތެރޭގައި އެންމެ ގިނަ އަދަދަކަށް ބޭރުގެ ޑިޕްލޮމެޓުން ބައިވެރިވި އަހަރު: ރައީސް

މިއަހަރުގެ މިނިވަން ދުވަހަކީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ބޭރުގެ ޑިޕްލޮމެޓުން ބައިވެރިވި އަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި 43 ޤައުމަކުންނާއި އދ. ގެ 5 އެޖެންސީއަކުން ޖުމްލަ 113 ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ. މިއީ ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި މިފަދަ ހަރަކާތެއްގައި ބޭރުގެ ޢިއްޒަތްތެރިން އެންމެ ގިނަ އަދަދަކަށް ބައިވެރިވި ފަހަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ދިވެހިންނަށް އިސްކަންދީގެން (ޕްރޯ-މޯލްޑިވްސް)، ދުނިޔޭގެ ހުރިހާ ޤައުމުތަކަކާ ގުޅިގެން މަސައްކަތްކުރުން ކަމަށެވެ. އަދި ރާއްޖެއަކީ އަބަދުވެސް ސުލްހައަށް ލޯބިކުރާ، އަދި މަޝްވަރާގެ އުސޫލުން ކަންކަން ހައްލުކުރުމަށް އިސްކަންދޭ ޤައުމެއްކަން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން ރައީސް ވިދާޅުވީ، އިޒްރޭލު ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ޤައުމަކާ ރާއްޖެއިން ގުޅުން ބާއްވާނެ ކަމަށެވެ. މިއީ ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ޖަލްސާ ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއެކު، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ލިބިފައިވާ އިތުބާރު ދެމެހެއްޓުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

މިއަދު އޮންލައިން