މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމާއި، މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމާއި، މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުން: ރައީސް

ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ޤައުމީ ލޯބި އިސްކުރުމާއި، މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ މުނާސަބަތާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ. އަދި މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި ޤުރުބާންވި ބަޠަލުންގެ ޒިކުރާ އާކުރައްވައި، އެ ބޭފުޅުންނަށް ހެޔޮދުއާ ރައްދުކުރައްވާފައިވެއެވެ.

ރައީސް ވިދާޅުވީ، މިއަދު ދިވެހި ރައްޔިތުންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ ކާބަފައިން ފުރާނަދީގެން ހޯދައިދިން މިނިވަންކަން ދެމެހެއްޓުން ކަމަށެވެ. "މި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ޤައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަށާއި، އަމިއްލަވަންތަކަމަށް އޮތް ފަޚުރުވެރިކަން ދެމެހެއްޓުމަށާއި، މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިވަން ދުވަހުގެ މުނާސަބަތުގައި މި މުހިންމު ސިފަތަކުން ސިފަ ލިބިގަނެ، މިނިވަންކަމާއެކު ޤައުމާއިގެން ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ. ރައީސްގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ "ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން" ކަމަށް ވިދާޅުވަމުންނެވެ.

މިއަދު އޮންލައިން