މިނިވަން ދުވަހާއި ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް މެދުނުކެނޑި ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން ޖުލައި މަހުގެ 26 އަދި 27 އަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، އެ އިދާރާއިން ވަނީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެ ދުވަސްތަކުގައި ޚިދުމަތް ދިނުމަށް ނިންމާފައެވެ. އެގޮތުން މިއަދު ޕާސްޕޯޓާއި ހަވާލުވުމަށް ނަމްބަރު ދޫކުރާނީ ހެނދުނު 08:30 އިން ހަވީރު 17:00 އަށެވެ. އަދި މާދަމާ ޕާސްޕޯޓާއި ހަވާލުވުމަށް ނަމްބަރު ދޫކުރާނީ ހެނދުނު 08:30 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށެވެ.
ޕާސްޕޯޓާއި ހަވާލުވުމަށް ބޭނުންވާ ފަރާތްތަކަށް ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެގެން ނަމްބަރު ނެގޭނެއެވެ. މީގެ އިތުރުން، ޕާސްޕޯޓަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ބަންދު ދުވަސްތަކުގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަން އޮފީސްތަކުގެ އިތުރުން އައްޑޫ ސިޓީގައި ހުންނަ އިމިގްރޭޝަން އޮފީހުންނެވެ.
މިއީ ބަންދު ދުވަސްތަކުގައި ދަތުރުފަތުރުކުރާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެއްކަމަށް ބެލެވެއެވެ.