ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިޚާބު ކުރިއަށްދަނިކޮށް ހިންގި މާރާމާރީގެ މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 24 އަހަރުގެ ދެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން އިއްޔެ ކުރިއަށްދަނިކޮށް، ވޯޓުލާ މަރުކަޒަށް ބަޔަކު ވަދެ މާރާމާރީ ހިންގާފައިވާ މައްސަލައެއް ބަލަން ފެށިކަން ފުލުހުން ހާމަކުރީ ރޭގެ ވަގުތެއްގައެވެ. މި ހާދިސާ ހިނގާފައިވަނީ އިންތިޚާބުގެ ފޯރިގަދަވެފައި ވަނިކޮށެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގައި ބަލަމުންދަނީ ބަޔަކު ވޯޓުލާ މަރުކަޒު ގާއިމުކޮށްފައި ހުރި ސްކޫލަށް ވަދެ، ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެއް ކަމަށެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، އިންތިޚާބާ ގުޅިގެން ހިނގި މި ހަމަނުޖެހުމުގައި ބައިވެރިވި އެހެން ފަރާތްތަކެއް ވޭތޯ ބަލަމުންދާ ކަމަށްވެސް ފުލުހުންގެ މައުލޫމާތުން އެނގެއެވެ.