ޕެރޯލަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ޤައިދީންނާ އިންޓަވިއުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ޕެރޯލަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ގިނަ އަދަދެއްގެ ގައިދީންނާ އިންޓަވިއުކޮށް، ގޮތެއް ނިންމުމަށްޓަކައި ޕެރޯލް ބޯޑުގެ ޚާއްސަ ބައްދަލުވުންތަކެއް މި މަހުގެ 11ވަނަ ދުވަހުގައި މާފުށި ޖަލުގައި ވަނީ ބާއްވާފައެވެ.
އަދި މި ދަތުރުގެ ތެރެއިން، ޕެރޯލް ބޯޑުގެ މެންބަރުން ވަނީ މާފުށި ޖަލުގައި ގައިދީންނަށް އަމާޒުކޮށްގެން ހިންގޭ ތަފާތު ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ކޯސްތައް ކުރިއަށްދާ ވޮކޭޝަނަލް ސައިޓަށް ޒިޔާރަތްކޮށް، އެ ތަނުގެ މަސައްކަތްތައް ހިނގާގޮތްވެސް ބައްލަވާލައްވާފައެވެ.
ޕެރޯލަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ޤައިދީންނާ އިންޓަވިއުކޮށްފަވާ އިރު މިދިޔަ އަހަރު ޕެރޯލްގެ ދަށުން 27 މީހަކު މުޖުތަމަޢުއަށް ވަނީ ދޫކޮށްފައެވެ.
މިދިޔަ އަހަރު ގައިދީންނަށް ފޯރުކޮށްދީފައިވާ އެކި ޚިދުމަތްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި 241 ރިކުއެސްޓެއް ކޮށްފައިވެއެވެ. އޭގެ ތެރެއިން 189 ފޯމް ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާއިރު 43 ފޯމް ޝަރުތު ހަމައެއް ނުވެއެވެ. އަދި 8 ފޯމެއްގެ މައްސަލަ ނިންމާފައި ނުވާއިރު 1 ފޯމް އޮތީ ޤާނޫނީ ލަފައަކަށް އެދިފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި 86 ފޯމެއް މިދިޔައަހަރު ވަނީ ޕެރޯލް ބޯޑަށް ހުށަހަޅާފައެވެ. އޭގެ ތެރެއިން 42 މީހަކު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ހުއްދަދީފައިވާއިރު 44 މީހަކަށް އެ ހުއްދަ ދީފައެއް ނުވެއެވެ. އެހެންނަމަވެސް މިދިޔަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލީ 22 މީހުންނެވެ. 25 މީހުން ޕެރޯލްގެ ދަށުން ދޫކޮށްލުން ކެންސަލް ކުރިއިރު 2 މީހެއް ކެންސަލްކޮށްފައިވަނީ އެމީހުންނާ ހަވާލުވާނެ ބަޔަކު ނުވުމުންނެވެ. އަދި 27 މީހަކު އަލުން މުޖުތަމައުއަށް ވަނީ ދޫކޮށްލާފައެވެ.
ހަބަރު: ސަރުކަރު