އެއީވެސް ވަރަށް ލޯބިން އެކުގައި އުޅެމުން އަންނަ ދެމަފިރިންނެވެ. ދެމަފިރިންވެސް ވަޒީފާއަދާކުރެއެވެ. ގެއަށް އައުމަށްފަހު ގޭގެ މަސައްކަތްތައް ކުރަނީ ދެމަފިރިންނެވެ. އަނބިމީހާ ކައްކާއިރުވެސް ފިރިމީހާ އެހީތެރިވެދެއެވެ. ކައްކައި ނިމުމުން ކަނީވެސް އެކުގައެވެ. އެހެންވެ ދެމަފަރިންގެ މެދުގައި ލޯބި އަންނަނީ އިތުރުވަމުންނެވެ.
އެއްދުވަހެކެވެ. މައިދައިތަ ގެއަށް އައިދުވަހެކެވެ. ކެއުމުގެ ވަޤުތުޖެހުމުން ޅީދަރިފުޅަށް އެންގީ ފުރަތަމަ ދެމައިންނަށް ކާންހެދުމަށެވެ. ދެމައިން ކައިނިމުމުން ކެއުމަށެވެ. ޅީދަރިފުޅު އެއްވެސް އެއްޗެއް ނުބުނެ މައިދައިތަ ބުނިގޮތަށް ކަންތައް ކުރަންފެށިއެވެ.
ކާތަކެތި މޭޒުމައްޗަށް އެރުވުމުން ފިރިމީހާ އަނބިމީހާގެ ގާތުގައި ބުނީ ކާތަށިހިފައިގެން އައިސް ކާން އިށީނުމަށެވެ. އެކަން މައިދައިތައަށް ކަމަކު ނުދިއައެވެ. އެގޮތަށް ކަންތައްކުރީމާ އަނބިމީހާއަށް ފެންވަރުއޮޅި މާމައްޗަށް ހިތްއަރައިގެންދާނެ ކަމަށް ބުނުމުން ދަރިފުޅު ބުނީ ބޭނުންވަނީ އަނބިމީހާގެ ހިތް އުޑާއި ހަމައަށް މައްޗަށް އަރުވަން ކަމަށެވެ. އޭނާގެ ހިތް އަނބިމީހާ މައްޗަށް އަރުވާނީ އޭނާ އަނބިމީހާގެ ހިތް މައްޗަށް އެރުވިވަރަކުން ކަމަށެވެ.
"ލޯބިވާ މަންމާއެވެ! މިއީ މީގެ 50 އަހަރު ކުރިއެއް ނޫނެވެ. މިހާރެވެ. މިހާރު ހުރިހާ ކަމެއްގައިވެސް ދެމަފިރިން ހަމަހަމައެވެ. ކޮންމެ ކަމެއްގައިވެސް ފައިދާކުރާނީ ދެމީހުންގެ ބައިވެރިވުން އޮވެގެންނެވެ. އަނބިމީހާ އަހުރެމެން ދެމައިންނަށް ކާންހަދައިއެދިނީ ކިހާލޯބިންހެއްޔެވެ؟ ވީމާ އަނބިމީހާއަށް ޙައްޤުޝުކުރު އަދާކުރަން އެބަޖެހެއެވެ. އޭނާވެސް އުފާވާނީ އަހުރެމެންނާއިއެކުގައި ކެއުމުންނެވެ. އަބަދުވެސް ދެމަފިރިން ކަނީއެކުގައެވެ."
މަންމައަށް ބުނެވުނެވެ. "މަންމައަށް މިހެން މިބުނެވުނީ އެއީ މަންމަމެން އުޅުނު ގޮތްވީމައެވެ. މިހާރުވެސް އުޅޭގޮތްވީމައެވެ. ދެދަރިންނަށް ހިތްހަމަޖެހުން ލިބޭގޮތަކަށް ދެދަރިން އުޅޭށެވެ. ދެދަރިން އުފަލުގައި ތިބޭނަމަ މަންމަ ހުންނާނީ އުފަލުންނެވެ."
މިޙާދިސާއަށް ވިސްނައިލަންވީ މަންމައަށް ބުނެވުނު ބަސް ކުށްވެރިކުރުމުގެ ނިޔަތަކު ނޫނެވެ. މަންމައަށް އެހެން އެބުނެވުނީ އެއީ މަންމަމެން އުޅެބޮޑުވި ގޮތްވީމައެވެ. މިޙާދިސާއިން ލިބިގަންނަންޖެހޭ ޢިބްރަތަކީ ކައިވެނި ކުރުމަށްފަހު މިދެމަފިރިން ފަދައިން ދިރިއުޅުމަށެވެ. ހުރިހާ ކަމެއްގައިވެސް ދެމީހުން ބައިވެރިވުމާއި ޚާއްޞަކޮށް ތިމާއަށް އުފާވެރިކަން އިތުރުވާނީ ބައިވެރިޔާއަށް އުފާވެރިކަން އިތުރުކޮށްދިންވަރަކުންކަމަށް ޤަބޫލުކޮށްގެން ކަންކަން ކުރުމަށެވެ. އެއިރުން ދެމަފިރިންގެ މެދަށް ޝައިޠޯނާއަށްވެސް ނުވަދެވޭނެއެވެ. އިން ޝާ ﷲ
- މިއަދުނޫސް