ޤައުމީ ފެންވަރުގައި ހއ. އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ނިންމަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޤައުމީ ފެންވަރުގައި ހއ. އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ނިންމަވައިފި

ޤައުމީ ފެންވަރުގައި ހއ. އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމަވައި، އެކަމުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ ޖެހިޖެހިގެން ދެ އަހަރު ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް އުތީމުގައި ބޭއްވުމަށެވެ. މިއަހަރުގެ ޤައުމީ ދުވަސް ދިމާވަނީ އަންނަ އޮގަސްޓު މަހުގެ 14 ވަނަ ދުވަހަށެވެ.

މި ހަރަކާތްތަކާ ގުޅޭގޮތުން އުތީމު ކައުންސިލުގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، މިއަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މިދިޔަ އަހަރު ފަށާފައިވާ ތަރިކައިގެ މަޝްރޫޢުތައް ނިންމުމަށް ކަމަށެވެ. މީގެ ތެރޭގައި ބޮޑުތަކުރުފާނުގެ ދޮރޯށީގެ މަސައްކަތާއި، ކަނދުވަލު މިސްކިތް މަރާމާތު ކުރުމުގެ އިތުރުން "ވާހަކަވައު" ސަރަޙައްދު ތަރައްޤީ ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޤައުމީ ދުވަހުގެ ކަންކަން ވިލަރެސް ކުރުމަށްޓަކައި މިހާރު ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލާފައިވާކަން ކައުންސިލުން ވަނީ ހާމަކޮށްފައެވެ. ޢަބްދުﷲ ރަޝީދު ވިދާޅުވީ "މިދިޔަ އަހަރަށްވުރެ ކުލަގަދަކޮށް، ގިނަ ހަރަކާތްތަކާއެކު މިއަހަރުވެސް ޤައުމީ ދުވަސް ފާހަގަކުރާނެ" ކަމަށެވެ.

މި ނިންމެވުމާއެކު، އުތީމުގެ ތާރީޚީ ތަންތަން އާބާތުރަ ފިލުވުމާއި ރަށުގެ ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން