އިލެކްޓްރޯނިކް ޕާސްޕޯޓުގެ ޚިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފެށުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ. މި ޚިދުމަތް މެދުކަނޑާލަން ޖެހުނީ ޕާސްޕޯޓު ބުކްލެޓްގެ ސްޓޮކް ލިބުމުގައި ދިމާވި ދަތިތަކަކާ ގުޅިގެންނެވެ.
ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހް ވިދާޅުވީ، "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ޕްރިންޓް ކުރުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް މިހާރު އޯޑަރު ދީފައިވާ ކަމަށެވެ. އަދި މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އެ ތަކެތި ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިލެކްޓްރޯނިކް ޕާސްޕޯޓު ނުވަތަ އީ-ޕާސްޕޯޓަކީ ކިއުއެއްގައި ނުޖެހި އަމިއްލައަށް ޗެކިންވެވޭ އީ-ގޭޓުގެ ޚިދުމަތް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. މި ޕާސްޕޯޓުގައި ހުންނަ ޗިޕެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާގެ އިތުރުން، ފޮޓޯ ނުވަތަ އިނގިލީގެ ނިޝާނުގެ އެހީގައި ޕާސްޕޯޓުގެ ވެރިފަރާތް ކަށަވަރުކޮށްދެއެވެ.
މިދިޔަ މޭ މަހުން ފެށިގެން އީ-ޕާސްޕޯޓުގެ ޚިދުމަތް މެދުކަނޑާލާފައި އޮތް މުއްދަތުގައި، އިމިގްރޭޝަނުން ދޫކުރަމުން ދިޔައީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" އެވެ. މިއީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ މިންގަނޑުތަކަށް ފެތޭ، 5 އަހަރުގެ މުއްދަތަށް ދޫކުރާ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.
އަގުތަކަށް ބަލާއިރު، އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 1,000 ރުފިޔާއެވެ. ނަމަވެސް މިހާރު ދޫކުރަމުންދާ އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަށް ނަގަނީ 600 ރުފިޔާގެ ފީއެކެވެ. އިމިގްރޭޝަނުން ވިދާޅުވީ ބޭނުންވާ ސާމާނު ލިބުނުހާ އަވަހަކަށް އީ-ޕާސްޕޯޓުގެ ޚިދުމަތް އާންމު އުސޫލުން އަލުން ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.