ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ސިންތެޓިކް ކެެތިނޯން (Synthetic Cathinone) މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ ކަސްޓަމްސްއިން ކުރިއަށްގެންދިޔަ ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ 18 ޖޫން 2026 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. މި ޕެކޭޖަކީ ޕޯސްޓް އޮފީހަށް އައިސްފައިވާ ޕޯސްޓެއް ކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.
މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 3.6 ކިލޯއަށްވުރެ ގިނަ ހުރި ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު 5 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށާއި، ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންގެ ހިދުމަތާ ހަވާލުކުރެވިފައެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.