ފެންވަރު ރަނގަޅު ދަތުގެ ފަރުވާ، ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން އިތުރަށް ސަމާލުކަން ދޭނެ: ނައިބު ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 42ސ
ފެންވަރު ރަނގަޅު ދަތުގެ ފަރުވާ، ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން އިތުރަށް ސަމާލުކަން ދޭނެ: ނައިބު ރައީސް

ދަތުގެ ފަރުވާގެ ދާއިރާއަށް ވުނަކުރުން އިތުރުކޮށް، ޚިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅުކޮށް، ފަސޭހަކަމާއެކު އެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން އިތުރަށް ސަމާލުކަން ދޭނެކަމުގެ ފުރިހަމަ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ޔަޤީންކަންދެއްވާފައިވަނީ، ސަރުކާރުން ދެމުންގެންދާ ދަތުގެ ފަރުވާގެ ޚިދުމަތުގެ ރަން ޔޫބީލް ފާހަގަކުރުމަށް، ހޮޓެލް ޖެންގައި މިރޭ އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ދަތުގެ ފަރުވާގެ ދާއިރާއިން އާ އީޖާދުތަކާއި، ޒަމާނީ ފެންވަރުގެ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ އަހަރުތަކަކަށް ހެދުމަށް މަސައްކަތްކުރެއްވުމަށް ދާއިރާގެ ފަންނީ ބޭފުޅުންނަށް އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިރޭ ދެއްކެވި ވާހަކަފުޅުގައި ދަތުގެ ފަރުވާގެ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނާއި، މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރައްވާ، އެބޭފުޅުންނަށް ޝުކުރުއަދާކުރެއްވިއެވެ. ވަކީން ޚާއްޞަ ގޮތެއްގައި މުޙައްމަދު ސަލީމްގެ ނަންފުޅު ފާހަގަކުރައްވައި، ވޭތުވެދިޔަ 50 އަހަރުގެ ދިގު މުއްދަތުގައި، މެދުކެނޑުމެއްނެތި ޞިއްޙީ ދާއިރާއަށް އެބޭފުޅާ ކުރައްވަމުން ގެންދަވާ ޚިދުމަތަކީ، ހުރިހާ އެންމެންނަށްވެސް ރިވެތި ނަމޫނާއެއްކަމަށާއި، އެ ޚިދުމަތަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ތާރީޚުގައި އަބަދުމެ ދެމިހުންނާނެ އަގުހުރި ތަރިކައެއްކަމުގައި ސިފަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން، ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި މިފަދަ ޚާއްޞަ ޚިދުމަތްތަކަކީ ހަމައެކަނި މާލެއަށް ބަރޯސާވެފައިވާ ޚިދުމަތްތަކަކަށް ހެދުމުގެ ބަދަލުގައި، އަތޮޅުތެރޭގައިވެސް ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަކުރާރުކުރެއްވިއެވެ. މިމޭރުމުން ކުރަންޖެހޭ މަސައްކަތްތައް މިވަގުތުވެސް ބާރު ދުވެލީގައި ކުރިއަށްދާކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖޭގެ ދަތުގެ ފަރުވާގެ ޚިދުމަތަކީ މުޅި ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭ ފަދަ ފެންވަރު މަތީ ޚިދުމަތަކަށް ވެގެންދިއުމުގެ އުންމީދު އައުކުރައްވަމުންނެވެ.

މިރޭގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ، ސަރުކާރުގެ ޑެންޓަލް ޑިޕާޓްމަންޓްގެ ތާރީޚަށް އަލިއަޅުވާލައި އެކުލަވާލާފައިވާ ފޮތް "އިހުން މިއަދާއި ހަމައަށް" އިފުތިތާހުކޮށްދެއްވާފައެވެ. އަދި، ދަތުގެ ފަރުވާގެ އެކި ދާއިރާތަކުން ފުރަތަމަ ޚިދުމަތް ދެއްވަން ފެއްޓެވި ދިވެހި މުވައްޒަފުންނަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި އެވޯޑާއި، ރާއްޖޭގައި ޑެންޓަލް ޚިދުމަތް ތަޢާރަފުކުރެއްވި ބޭބޭފުޅުންނަށް ދެއްވި އެވޯޑް ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

މިއަދު އޮންލައިން