ރާއްޖެއާއި އިންޑިއާއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ރާއްޖެއާއި އިންޑިއާއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އިންވެސްޓްމެންޓްގެ ދާއިރާއިން އެކުލަވާލާފައިވާ މުޢާހަދާ ފައިނަލައިޒްކުރުމާއި، ދެޤައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ޤާއިމުކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ދަތުރުފުޅުގައި ވަޒީރު މުޙައްމަދު ސަޢީދު ވަނީ އިންޑިއާގެ މިނިސްޓަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ ޕިޔުޝް ގޯޔަލްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައިވާ އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، މިހާރު ކުރިއަށްދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވިއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ވަޒީރު ސަޢީދު ވިދާޅުވީ، "އިންޑިއާގެ ކޮމާސް މިނިސްޓަރާއެކު ބޭއްވުނީ ވަރަށް އުއްމީދީ އަދި ބިނާކުރަނިވި ބައްދަލުވުމެއް" ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ބައިލެޓްރަލް އިންވެސްޓްމެންޓް ޓްރީޓީ ނިންމުމަކަށް ގެނައުމަށާއި، ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ދާއިރާއިން އާ މަޝްރޫޢުތަކެއް ފެށުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދެ ޤައުމުގެ ގުޅުން އިޤްތިޞާދީ ގޮތުން އިތުރަށް ބަދަހިކުރުމަށް ގެންގުޅުއްވާ ތަޞައްވުރު ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާހުރި ނަތީޖާތަކެއް ނެރެވޭނެ ކަމަށް ބެލެވެއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ އިންޑިއާ ސަރުކާރުން ދެއްވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މިއަދު އޮންލައިން