ތައިލެންޑުގައި ބޭއްވި އޭޝިއާ އެން.ޑީ.އީ ފޯރަމްގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 56ސ
ތައިލެންޑުގައި ބޭއްވި އޭޝިއާ އެން.ޑީ.އީ ފޯރަމްގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ބައިވެރިވެއްޖެ

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ އިސް ބޭފުޅުން ތައިލެންޑުގައި ބޭއްވި "2026 އޭޝިއާ އެން.ޑީ.އީ އަދި އެން.ޑީ.އީ-އެން.ޑީ.އޭ ކޯޑިނޭޝަން ފޯރަމް" ގައި ބައިވެރިވެވަޑައިގެންފިއެވެ.

ޖުލައި މަހުގެ 7 އިން 10 އަށް ކުރިއަށްދިޔަ މި ފޯރަމްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ މިނިސްޓްރީގެ ޑައިރެކްޓަރ ޖެނެރަލް އަމްޖަދު އަބްދުﷲ އާއި ޑައިރެކްޓަރ ޖެނެރަލް އަހުމަދު އަލީއެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ޕްރޮގްރާމަކީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ 'ނޭޝަނަލް ޑެސިގްނޭޓެޑް އެންޓިޓީސް' (އެން.ޑީ.އީ) އަދި 'ނޭޝަނަލް ޑެސިގްނޭޓެޑް އޮތޯރިޓީސް' (އެން.ޑީ.އޭ) ތަކުގެ މެދުގައި މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. މި ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ހަކަތައިގެ ނިޒާމު ބަދަލުކުރުމާއި (އެނާޖީ ޓްރާންސިޝަން)، އަލަށް ތައާރަފްވަމުންދާ ހަކަތައިގެ ޓެކްނޮލޮޖީތަކާއި، މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކުރުމާ ބެހޭގޮތުންނެވެ. މީގެ އިތުރުން މޫސުމީ ކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން (ކްލައިމެޓް ފައިނޭންސް) ހޯދުމާއި އިދާރީ ގުޅުންތައް ވަރުގަދަކުރުމާ ގުޅޭގޮތުން ވެސް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.

މި ފޯރަމްގައި ރާއްޖެއިން ބައިވެރިވުމަކީ ސާފު ހަކަތަ ކުރިއެރުވުމަށާއި، މޫސުމީ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފްކުރުން ހަލުވިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މި ބައްދަލުވުމުގެ ސަބަބުން ރާއްޖޭގައި ކުރިއަށް ގެންދެވިދާނެ ބޮޑެތި މަޝްރޫއުތައް ދެނެގަތުމަށާއި، އދ. ގެ ކްލައިމެޓް ޓެކްނޮލޮޖީ ސެންޓަރ އެންޑް ނެޓްވޯކް (ޔޫ.އެން.ސީ.ޓީ.ސީ.އެން) އަދި ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ފަދަ ބައިނަލްއަގުވާމީ އެހީދޭ އިދާރާތަކާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން، މިފަދަ ބައިނަލްއަގުވާމީ ފޯރަމްތަކަކީ ރާއްޖެއަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށް ހުޅުވިގެންދާ މުހިންމު ދޮރެކެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން