ހދ. އަތޮޅުގެ ރަށްތަކުގެ ކައުންސިލުތައް ގުޅިގެން އަތޮޅުގެ ތަރައްގީއަށް މަސައްކަތް ކުރުމަށްޓަކައި ހާއްސަ ބޯޑެއް އެކުލަވާލުމަށް ކުރަމުންދިޔަ މަޝްވަރާތަކާއި މަސައްކަތްތައް ހުއްޓާލުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފަށް އަންގައިފިއެވެ.
މި މަހުގެ 2 ވަނަ ދުވަހު ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވަނީ ހދ. އަތޮޅުގެ ގިނަ ކައުންސިލްތަކެއްގެ ރައީސުންނާއެކު އޮންލައިންކޮށް މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައެވެ. އެ ބައްދަލުވުމުގައި އަތޮޅުގެ ތަރައްގީއާއި ރައްޔިތުންގެ ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރާނެ ބޯޑެއް އެކުލަވާލުމަށް ނިންމައި، އެ ބޯޑުގެ މަގްސަދުތަކާއި މަސައްކަތް ކުރާނެ އުސޫލުތައް މި މަހުގެ 15 ގެ ކުރިން ކަނޑައެޅުމަށް ވަނީ އިއްތިފާގުވެފައެވެ.
މި ބައްދަލުވުމުގައި ހދ. އަތޮޅުގެ ކުމުންދޫ، ނޮޅިވަރަން، ނޮޅިވަރަންފަރު، ވައިކަރަދޫ، ނޭކުރެންދޫ، ފިނޭ، ކުރިނބީ، ނައިވާދޫ އަދި ނެއްލައިދޫ ކައުންސިލްގެ ރައީސުން ބައިވެރިވެވަޑައިގެން، މޭޔަރު އާތިފްގެ އެ ހުށަހެޅުއްވުމަށް ފުރިހަމަ ތާއީދު ދެއްވާފައިވެއެވެ.
ނަމަވެސް، މި ބޯޑު އުފެއްދުމުގެ މަސައްކަތާ ގުޅިގެން އެލްޖީއޭއިން މޭޔަރު އާތިފަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި 17 ވަނަ އިސްލާހުގެ ދަށުން އަތޮޅު ކައުންސިލުތައް އުވާލާފައިވާ ކަމަށެވެ. އަދި އެ ކައުންސިލުތަކުން ކުރިން ދެމުންދިޔަ އިދާރީ ހިދުމަތްތަކާއި މަސްއޫލިއްޔަތުތައް މިހާރު އެލްޖީއޭއަށް ބަދަލުކޮށްފައިވާކަން އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.
އެލްޖީއޭގެ ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ، މުޅި އިދާރީ ދާއިރާގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މިހާރު އެލްޖީއޭގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންކަމުން، ކައުންސިލުތައް ގުޅިގެން އެފަދަ ބޯޑެއް އުފެއްދުމުގެ ގާނޫނީ ބާރުވެރިކަމެއް ނެތްކަމަށް އެލްޖީއޭގެ އެންގުމުން ދޭހަވެއެވެ.