އަތޮޅުތަކުގެ ރަށްރަށުގައި އުފެދޭ ކުނި ރައްކާތެރިކަމާއެކު އެއް ރަށުން އަނެއް ރަށަށް އުފުލައި، މެނޭޖްކުރުމަށްޓަކައި ޚާއްޞަ ތިން އުޅަނދެއް ބަނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެ ވުޒާރާގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލްގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު މުރުތަޟާ ވިދާޅުވީ، ރަށްރަށުގައި އުފައްދާ ކުނި މެނޭޖްކުރުމަށްފަހު އެ ތަކެތި ބޭރުކުރުމަށް މެރިން ޓްރާންސްޕޯޓްގެ ވަސީލަތްތައް ބޭނުންވާ ކަމަށެވެ. އަދި މި މަސައްކަތަށް ޚާއްޞަކޮށް ޑިޒައިން ކުރެވިގެން ތިން ވެސެލެއް ބަނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މުރުތަޟާ ވިދާޅުވި ގޮތުގައި، މި އުޅަނދުތަކުގެ ތެރެއިން އެއް އުޅަނދު ބަންނަނީ އިންޑިއާގައެވެ. އެ އުޅަނދުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ރާއްޖެ ގެނައުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ އިންސްޕެކްޝަން ހެދުމަށް މި ހަފްތާގެ ތެރޭގައި ޓީމެއް ފުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ރާއްޖޭގައިވެސް ދެ ލޭންޑިންގ ކްރާފްޓެއް ބަނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވުޒާރާއިން މަޢުލޫމާތުދެއެވެ. "ރާއްޖޭގައި އެބަ ބަނދެވޭ ދެ ވެސެލް. އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ އުޅަނދުތައް އޮޕަރޭޝަނަށް ގެނެވޭނެ،" މުރުތަޟާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވާ އެއް ކަމަކީ ރަށްރަށުގައި އުފެދޭ ކުނި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ނައްތާލައި، ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ކުނި މެނޭޖްކުރުމެވެ. މި އުޅަނދުތައް އޮޕަރޭޝަނަށް އައުމުން، ރަށްރަށުގައި ކުނި ޖަމާވެފައި ހުންނަ ހުރުމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.