ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތަޢާރަފްކޮށްފައިވާ "ސްވައިޕް" ޑިޖިޓަލް ވޮލެޓަކީ، ދިވެހިން ރާއްޖެއިން ބޭރަށް ގޮސް ކާޑާ ނުލައި ފަސޭހަކަމާއެކު ފައިސާ ދެއްކުމަށް ބޭނުންކުރެވޭނެ ވަސީލަތަކަށް ވެގެންދާނެ ކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ މާރޗް މަހުގެ ތެރޭގައި ލޯންޗްކުރި ސްވައިޕް ވޮލެޓަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރުމަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. ބީއެމްއެލް އިން މަޢުލޫމާތު ދޭ ގޮތުގައި، ބޭންކުގެ އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފަސޭހަކަމާއެކު ފައިސާ ޖަމާކުރެވޭނެއެވެ.
ސްވައިޕްގެ ޚިދުމަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ވޮލެޓް ޚާއްޞަކޮށް ފަރުމާކޮށްފައި ވަނީ ރާއްޖެއިން ބޭރުން ޑޮލަރުގެ އާމްދަނީ ލިބޭ ފަރާތްތަކަށް އެއްވެސް ފީއަކާ ނުލައި ރާއްޖެއަށް ފައިސާ ގެނެވޭ ގޮތަށް ކަމަށެވެ. އަދި މި ޚިދުމަތް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ބޭންކުން ހުއްޓުމެއް ނެތް ގޮތުގައި ކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިހާރު ރާއްޖޭގައި ބޭނުންކުރާ އެއްވެސް ޑިޖިޓަލް ވޮލެޓެއްގައި ނެތް ފަދަ އައު ފީޗާއެއް މި ޖުލައި މަހުގެ ތެރޭގައި ސްވައިޕަށް ތަޢާރަފްކުރާނެކަން ސީއީއޯ ވަނީ އިޢުލާން ކުރައްވާފައެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޖުލައި މަހުގެ ތެރޭގައި ތަޢާރަފްކުރާ ފީޗާއާއެކު، ރާއްޖެއިން ބޭރުގައި ހުރެގެން، މިސާލަކަށް އިނގިރޭސިވިލާތުގައި ހުރެގެން ފައިސާ ޖަމާކުރައްވަންޏާ އެތަނުގެ ލޯކަލް ޕޭމަންޓެއްހެން ވަގުތުން ފައިސާ ޖަމާވެގެންދާނެ. މިއީ ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް،" މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
މި އައު ބަދަލުތަކާއެކު، ސްވައިޕް ވެގެންދާނީ ދިވެހިން ދަތުރުފަތުރުކުރުމުގައާއި ބޭރު ގައުމުތަކުގައި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ބޭނުންކުރާނެ އެންމެ އިތުބާރު ހުރި އަދި ފަސޭހަ ޑިޖިޓަލް ވަސީލަތަށެވެ.