ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އަމިއްލަ ފަރާތްތަކަށް އިންވެސްޓް ކުރެވޭނެ މަގު ފަހިކޮށްދެނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އަމިއްލަ ފަރާތްތަކަށް އިންވެސްޓް ކުރެވޭނެ މަގު ފަހިކޮށްދެނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހި އަދި ތިންވަނަ ފިޔަވަހިން މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތަކަކީ ހަމައެކަނި ދިރިއުޅުމަށް ބޭނުންކުރާ ތަންތަނުގެ ބަދަލުގައި، އެ ތަންތަނުގައި ޕްރައިވެޓް ސެކްޓަރުން އިންވެސްޓުކޮށްގެން ޚިދުމަތްތައް ދެވޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ވަޒީރު ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ފޭސް 2 އަދި ފޭސް 3 އިން މާލޭގެ ރައްޔިތުންނަށް މިހާތަނަށް ދެހާހަށްވުރެ ގިނަ ގޯތި ދޫކޮށްފައިވެއެވެ. މި ބިންތަކަކީ މިހާރު ހަމައެކަނި ދިރިއުޅުމަށް ޚާއްޞަ ކުރެވިފައިވާ ބިންތަކެއް ނަމަވެސް، އެ ތަންތަނުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭނީ އަމިއްލަ ވިޔަފާރިތަކަށް އިންވެސްޓް ކުރެވޭނެ ފުރުޞަތު އޮވެގެން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޑރ. މުއްޠަލިބު އިތުރަށް ވިދާޅުވީ، މާލޭގެ އަމިއްލަ ބިންތަކުގައި ވެސް ވިޔަފާރި އާއި އެކި ކަހަލަ ޚިދުމަތްތައް ދިނުމުގެ ފުރުޞަތު އޮންނަ ފަދައިން، ހުޅުމާލޭގައި ވެސް އެ ފުރުޞަތު އޮންނަންޖެހޭނެ ކަމަށެވެ. މީގެ ސަބަބުން ބިން ލިބިފައިވާ ފަރާތްތަކަށް މާލީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބި، ހުޅުމާލޭގެ އިޤްތިޞާދު ފުޅާވެ، އާ ވަޒީފާތަކާއި ވިޔަފާރިތަކަށް ދޮރު ހުޅުވިގެންދާނެއެވެ.

މިކަމާ ގުޅޭގޮތުން މިސާލެއް ދައްކަވަމުން ވަޒީރު ވިދާޅުވީ، "މިވަގުތު، މި ދަންނަވާ ގޮތަށް ޕްރައިވެޓް ހޮސްޕިޓަލެއް އަޅަން ފޭސް ދޭއް ބަޔަކު ބޭނުންވިކަމުގައި ވީނަމަވެސް، އެކަމެއް ކުރަން މި ޖެހެނީ އެޗްޑީސީން ބިމެއް ދެވިއްޖެ ކަމުގައި ވާނަމަ، އެހެންނަމަވެސް، އާއްމު ރައްޔިތުންނަށް ދޫކޮށްފައި މިހިރަ، ދެހާހަށްވުރެ ގިނަ ގޯތިތަކުގެ ތެރޭގައި މި ދެންނެވި ޚިދުމަތްތައް ދިނުމުގެ ފުރުޞަތު ފަހިކުރެވެންޖެހޭ."

ސަރުކާރުގެ އަމާޒަކީ ހުޅުމާލޭގައި ހުރި ބިންތަކަކީ ރައްޔިތުންނަށް އެންމެ ފަސޭހަ އަދި ތަނަވަސްކަން ލިބޭނެ ގޮތަށް ބޭނުންކުރެވޭ ތަންތަނަށް ހެދުމެވެ. މިގޮތުން، ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުގައި އެކި ކަހަލަ އިޖުތިމާޢީ އަދި އިޤްތިޞާދީ ޚިދުމަތްތައް ދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިއަދު އޮންލައިން