ބޭރުގައި ދިރިއުޅޭ ދިވެހީންގެ ތެރަޕިއުޓިކް ފަރުވާއާ ގުޅޭ މަޢުލޫމާތު ދިނުމަށް އެންސްޕާއިން ވަޓްސްއަޕް ނަންބަރެއް ތަޢާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ބޭރުގައި ދިރިއުޅޭ ދިވެހީންގެ ތެރަޕިއުޓިކް ފަރުވާއާ ގުޅޭ މަޢުލޫމާތު ދިނުމަށް އެންސްޕާއިން ވަޓްސްއަޕް ނަންބަރެއް ތަޢާރަފުކޮށްފި

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންގެ ތެރެއިން ތެރަޕިއުޓިކް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް، އެ ފަރުވާއާ ގުޅޭ މަޢުލޫމާތު ފަސޭހަކަމާއެކު ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ޚާއްޞަ ވަޓްސްއަޕް ނަންބަރެއް ތަޢާރަފުކޮށްފިއެވެ.

މި އައު ޚިދުމަތާ ގުޅޭގޮތުން އެންސްޕާއިން ހާމަކޮށްފައިވާ ގޮތުގައި، މި ނަންބަރު ޤާއިމުކުރަން ނިންމީ އެ އިދާރާގެ ރަސްމީ ހޮޓްލައިން 1402 އަށް ގުޅުމުގައި ރާއްޖެއިން ބޭރުގައި ތިބޭ ފަރާތްތަކަށް ދަތިތަކަކާ ކުރިމަތިވަމުންދާތީ، އެކަމަށް ދާއިމީ ޙައްލެއް ގެނައުމުގެ މަޤްޞަދުގައެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާތައް ފޯރުކޮށްދެނީ ރާއްޖޭގެ އިޖުތިމާޢީ އެހީގެ ނިޒާމުގެ ތެރެއިން އެންސްޕާ މެދުވެރިކޮށެވެ. ނަމަވެސް، ރާއްޖެއިން ބޭރުގައި ތިބެގެން މި ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ހޯދުމުގައި މިހާތަނަށް ހުރި އިންތިޒާމުތަކުގެ ސަބަބުން ގިނަ އުނދަގޫތަކެއް ކުރިމަތިވަމުންދާކަން އެ އެޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވީ، ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ 58 ފަރާތަކުން މިހާރުވެސް އެންސްޕާގައި ރަޖިސްޓްރީކޮށްގެން އެކި ބާވަތުގެ ތެރަޕިއުޓިކް ޚިދުމަތްތައް ހޯދަމުންދާ ކަމަށެވެ. އެފަރާތްތަކަށް ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ތަޢާރަފުކުރި ވަޓްސްއަޕް ނަންބަރަކީ 7291402 އެވެ.

ޝިރުނާ އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 10:00 އާ ހަމައަށް މި ނަންބަރު މެދުވެރިކޮށް ތެރަޕީތަކާ ގުޅޭ މަޢުލޫމާތު ސާފުކޮށްދިނުމުގެ ޚިދުމަތް ކުރިއަށްދާނެއެވެ. މިއީ ރާއްޖެއިން ބޭރުގައި ތިބެގެން ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެއްކަން އެންސްޕާއިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން