ހިމަބިހި (މީސަލްސް) ފެތުރުމުގެ ނުރައްކާ އެންމެ ބޮޑީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް އައިޖީއެމް ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ނޭޝަނަލް އިމިއުނައިޒޭޝަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޗެއަރކަން ވެސް ކުރައްވަމުން ގެންދަވާ ޑރ. ފައިސަލް މީސްމީޑިއާގައި ހިއްސާކުރެއްވި މައުލޫމާތުތަކުގައި ވިދާޅުވީ، މިހާތަނަށް ހިމަބިހި ޖެހިގެން 72 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 4 ކުޑަކުދިން ކަމަށާއި، ބަލި ޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ އެންމެންނަކީ ވެސް 15 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. ފައިސަލް ވިދާޅުވި ގޮތުގައި ރާއްޖެއަށް ހިމަބިހި އެތެރެވުމުން ބަލި ފެތުރުމުގެ ނުރައްކާ އެންމެ ބޮޑުވަނީ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށެވެ. މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވަނީ 2022 ވަނަ އަހަރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖޭގެ ވެކްސިން ކަވަރޭޖާ ގުޅޭގޮތުން ހަދާފައިވާ ދިރާސާއެއްގެ ބައެއް ހިއްސާކުރައްވާފައެވެ.
އެ ދިރާސާގެ ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީގެ 15 އަހަރާއި 20 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ގާތްގަނޑަކަށް 20 އިންސައްތަ މީހުން ހިމަބިހިން ރައްކާތެރިވުމަށް ޖަހަންޖެހޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެއް ނުވެއެވެ.
އެހެންކަމުން، މި އުމުރުފުރައިގެ މީހުންނާއި އަދި އާންމު ހުރިހާ ފަރާތްތަކުން ވެސް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވޭތޯ ޔަޤީންކުރުމަކީ ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށް ވިދާޅުވެ، ޑރ. ފައިސަލް ވަނީ އެކަން ކަށަވަރުކުރުމަށް އިލްތިމާސްކުރައްވާފައެވެ.