ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އެކި ޚިދުމަތްތަކަށް އެދި ހުށަހަޅާފައިވާ 12،500 އަށްވުރެ ގިނަ އެޕްލިކޭޝަން ފުރިހަމަނުކޮށް ހުރިކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހާމަކޮށްފިއެވެ.
އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން މައުލޫމާތު ފުރިހަމަނުވެ ނުވަތަ އިސްލާހު ކުރަން ޖެހިފައިވާ ގިނަ އަދަދެއްގެ ފޯމުތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި އެޕްލިކޭޝަންތައް ފުރިހަމަކުރުމަށް މިނިސްޓްރީން މިހާރު ވަނީ 14 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މުއްދަތުގެ ސުންގަޑިއަކީ މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، ދީފައިވާ މުއްދަތުގެ ތެރޭގައި އިސްލާހުކޮށް ފުރިހަމަނުކުރާ އެޕްލިކޭޝަންތައް ޕޯޓަލްއިން ކެންސަލް ކުރެވޭނެ ކަމަށެވެ. އަދި އެޕްލިކޭޝަން ކެންސަލްވުމާ ގުޅިގެން، ކުރިން ރިޒާވްކޮށްފައިވާ ވިޔަފާރީގެ ނަންތައް ދޫވެ، އެ ނަން ދެވަނަ ފަހަރަށް ނުލިބުމުގެ ފުރުސަތު އޮންނާނެ ކަމުގެ އިންޒާރުވެސް މިނިސްޓްރީން ވަނީ ދީފައެވެ.
މީގެ އިތުރުން، ބިޒްނަސް ޕޯޓަލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ކުރިއަށް އޮތް ތަނުގައި އެޕްލިކޭޝަނެއްގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން އަންގައި ނޮޓިފިކޭޝަން ފޮނުވާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. މިގޮތަށް ފޮނުވާ ނޮޓިފިކޭޝަނާ އެއްގޮތަށް 3 ދުވަސް ތެރޭގައި އެޕްލިކޭޝަން އިސްލާހު ނުކޮށްފިނަމަ، އެ ފޯމެއް ސިސްޓަމުން އޮޓަމެޓިކުން ކެންސަލްވާނެ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
އިޤްތިޞާދީ ވުޒާރާއިން މި ފިޔަވަޅު އަޅަން ނިންމީ ޕޯޓަލް މެދުވެރިކޮށް ދޭ ޚިދުމަތްތައް އަވަސްކޮށް، ގިނަ ދުވަސްވެފައިވާ އެޕްލިކޭޝަންތަކުގެ ސަބަބުން މަސައްކަތަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ މަގްސަދުގައެވެ.