ދާއިރާތަކުގެ އިންތިޚާބުގައި 131 ރަށެއްގައި ވޯޓުލުން ކުރިއަށްދާނެ: ޕީއެންސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ދާއިރާތަކުގެ އިންތިޚާބުގައި 131 ރަށެއްގައި ވޯޓުލުން ކުރިއަށްދާނެ: ޕީއެންސީ

ކުރިއަށް އޮތް ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން 131 ރަށު ދާއިރާއެއްގައި ކުރިއަށްދާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

މި އިންތިޚާބާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށްޓަކައި މިއަދު ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އެ ޕާޓީގެ ތަރުޖަމާނު އަދި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މިއީ ވަރަށް ވާދަވެރި އިންތިޚާބަކަށް ވެގެންދާނެ ކަމަށެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައި، މި އިންތިޚާބުގެ ދާއިރާތައް ރަށު ދާއިރާތަކަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ޖުމްލަ 131 ރަށެއްގައި ވާދަވެރިކަމާއެކު ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެއެވެ. މި އިންތިޚާބަކީ ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގައި ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ޕާޓީގެ ވޯޓާސް ލިސްޓުގެ އަސާސަކީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރު ކަމަށްވެސް ފިރުޒުލް ފާހަގަކުރެއްވިއެވެ.

މިހާރު ޕާޓީގެ ވެބްސައިޓުން ވޯޓާސް ލިސްޓު ފެންނަން ހުންނާނެ ކަމަށާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމާއި އިންތިޚާބާ ގުޅޭ އެހެނިހެން ޝަކުވާތައް ހުށަހެޅުމުގެ ފުރުޞަތު ޕާޓީގެ ޕޯޓަލް މެދުވެރިކޮށް މިއަދުން ފެށިގެން ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން، ރީ-ރަޖިސްޓްރޭޝަނަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

އަތޮޅުތެރޭގެ ރަށްތަކުގެ އިތުރުން މާލޭގައި ދިރިއުޅޭ މެންބަރުންނަށް ވޯޓުލުމުގެ އިންތިޒާމުތައް މާލޭގައިވެސް ހަމަޖެހިގެންދާނެ ކަމަށް ޕީއެންސީން މަޢުލޫމާތު ދެއެވެ. މި އިންތިޚާބަކީ ޕާޓީގެ އޮނިގަނޑު ވަރުގަދަކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ޕާޓީން ދެކެއެވެ.

މިއަދު އޮންލައިން