ކުއްލި ޙާލަތްތަކާ ގުޅިގެން ސިވިލް ސަރވިސްގެ މުވައްޒަފުން އޮފީހަށް ހާޒިރުނުވެ ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އުޞޫލުތައް ބަޔާންކުރާ ޤަވާއިދު ސިވިލް ސަރވިސް ކޮމިޝަނުން އާއްމުކޮށްފިއެވެ. "ދިވެހި ސިވިލް ސަރވިސް" ގެ ޤަވާއިދަށް ގެނައި 19 ވަނަ އިސްލާހުގެ ގޮތުގައި މި ޤަވާއިދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި ޤަވާއިދުގައިވާ ގޮތުން، ޞިއްޙީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިއެއްގެ ލިޔުމެއް ނުވަތަ ރާއްޖޭން ބޭރުގެ ޤައުމެއްގައިނަމަ އެ ޤައުމެއްގައި ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަރުކަޒަކުން ދޫކޮށްފައިވާ ލިޔުމަކަށް ރިޢާޔަތްކޮށް، މަސައްކަތްކުރާ އިދާރާއަށް ހުށަހެޅުމުން އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދެވިދާނެއެވެ. މި ހުއްދަ ދިނުމުގެ އިޚްތިޔާރު ލިބިގެންވަނީ އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާއަށެވެ. ނަމަވެސް، މި ޤަވާއިދުން ބައެއް ދާއިރާތަކާއި ވަޒީފާތައް އިސްތިސްނާވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގައި ބަލަންޖެހޭ މުހިންމު މިންގަނޑުތަކެއް ވެސް މި ޤަވާއިދުގައި ވަނީ ހިމަނާފައެވެ. އެގޮތުން، މުވައްޒަފާ ހަވާލުކޮށްފައިވާ މަސައްކަތްތަކަކީ އޮފީހަށް ހާޒިރުނުވެ، އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ މަސައްކަތްތަކެއް ކަމުގައި ވާންޖެހެއެވެ. އަދި މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އެކަށޭނަ މާޙައުލެއް މުވައްޒަފަށް އޮތްކަން އެ އިދާރާއަކުން ކަށަވަރުކުރަންވާނެއެވެ.
މީގެ އިތުރުން، މި އުޞޫލުގެ ދަށުން މަސައްކަތް ކުރާއިރު، އެ އިދާރާއަކުން ރައްޔިތުންނަށް ދޭ އެއްވެސް ޚިދުމަތަކަށް ހުރަސްނޭޅޭނެކަން ކަށަވަރުކުރަންޖެހެއެވެ. އަދި މުވައްޒަފަށް ހަވާލުކުރެވޭ ޓާސްކުތައް ނިންމާ މިންވަރު ދުވަހުން ދުވަހަށް ސުޕަވައިޒުކޮށް، މޮނިޓަރކޮށް ބެލެހެއްޓުމަކީ އެ އިދާރާއެއްގެ ޒިންމާއެއް ކަމަށްވެސް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި އިޞްލާޙަކީ ކުއްލި ޙާލަތްތަކުގައި ސަރުކާރުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށާއި، މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.