ބީއެމްއެލްގެ 'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' ފައިނޭންސިންގ އަށް ހެޔޮ ބަދަލުތަކެއް ގެނެސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ބީއެމްއެލްގެ 'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' ފައިނޭންސިންގ އަށް ހެޔޮ ބަދަލުތަކެއް ގެނެސްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް ދޫކުރާ 'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' ފައިނޭންސިންގ އަށް އެ ބޭންކުން ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތަކާއެކު ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރަށް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި، މި ޚިދުމަތަށް އެދި މިހާރު ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް އެޕް މެދުވެރިކޮށް ވަރަށް ފަސޭހަކަމާއެކު ހުށަހެޅޭނެއެވެ. މިއީ ވިޔަފާރިވެރިންނަށް އެ ބޭންކަކަށް ނުގޮސް، ތިބި ތަނެއްގައި ތިބެގެން ފަސޭހައިން ޚިދުމަތަށް އެދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގެނައި ބަދަލެކެވެ.

މި ފައިނޭންސިންގ މޮޑެލްގެ ދަށުން، ކާޑު މެޝިނުގެ މުއާމަލާތްތަކަށް ބަލައި 2 މިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި މި ޚިދުމަތަށް އެދޭތާ ގިނަވެގެން 5 ދުވަސް ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމުވެސް ބޭންކުން ވަނީ ހަމަޖައްސާފައެވެ.

މި ފައިނޭންސިންގ އަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި މަދުވެގެން 6 މަސްދުވަހު ބީއެމްއެލްގެ ކާޑު މެޝިން ބޭނުންކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. މީގެ އިތުރުން، އެވްރެޖްކޮށް މަހަކު 20،000 ރުފިޔާގެ ވިޔަފާރި ކާޑު މެޝިން މެދުވެރިކޮށް ކުރާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލެވިފައިވެއެވެ.

ފައިސާ އަނބުރާ ދެއްކުމުގައި ވިޔަފާރިވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ބޭންކުން ވަނީ ޚާއްސަ އިންތިޒާމެއް ހަމަޖައްސާފައެވެ. އެގޮތުން، ކޮންމެ ދުވަހަކު ލިބޭ ކާޑު ސޭލްސް އިން އޮޓޮމެޓިކުން ފައިސާ ކެނޑޭނެ ގޮތް ހަމަޖައްސާފައިވުމަކީ ވިޔަފާރިވެރިންނަށް ފައިސާ ދެއްކުމުގައި އޮތް ބޮޑު ލުޔެކެވެ.

ބީއެމްއެލް އިން ގެނައި މި ބަދަލުތަކަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ކޭޝްފްލޯ މެނޭޖްކުރުމަށާއި، ވިޔަފާރި ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ބޭންކުން ބުނެއެވެ.

މިއަދު އޮންލައިން