އިންޑިއާއިން ދިވެހިރާއްޖެއަށް ބޭރުކުރާ ތެލުގެ ބާވަތްތަކުން ނަގަމުންދިޔަ ޑިއުޓީ ކަނޑާލުމަށް އިންޑިއާ ސަރުކާރުން ނިންމައި އެކަން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ. މިކަން މިގޮތަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ރަސްމީ ލިޔެކިޔުންތަކުގައެވެ.
ރާއްޖެއަކީ އާންމު ގޮތެއްގައި މެދުއިރުމަތީގެ ގައުމުތަކުން ތެޔޮ އެތެރެކުރާ ގައުމަކަށް ވީނަމަވެސް، ޚުރުމޫޒް ކަނޑުއޮޅި ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މި ދަނޑިވަޅުގައި، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އަވައްޓެރި އިންޑިއާއިން ތެޔޮ ގަތުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ވަނީ އެ ގައުމާއެކު މީގެކުރިން މަޝްވަރާތަކެއް ބާއްވާފައެވެ.
އިންޑިއާގެ ގެޒެޓުގައިވާ ގޮތުން، ރާއްޖެއަށް ބޭރުކުރާ ތެލުގެ ބާވަތްތަކުން ކަނޑާލުމަށް ނިންމާފައިވަނީ 'ސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ' އާއި 'ރޯޑް އެންޑް އިންފްރާސްޓްރަކްޗަރ ސެސް' އެވެ. މީގެ ކުރިން އިންޑިއާއިން މިފަދަ ލުއިތަކެއް ދެމުން އައީ ސްރީލަންކާ، ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝް ފަދަ ގައުމުތަކަށެވެ. ނަމަވެސް އެ ގައުމުގެ ޑިއުޓީއާ ގުޅޭ ގާނޫނަށް ގެނައި އާ އިސްލާހާއެކު، މި ލުއިތައް ލިބޭ ގައުމުތަކުގެ ލިސްޓުގައި މިހާރު ރާއްޖެ ވަނީ ހިމަނާފައެވެ.
މިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ރަސްމީކޮށް އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ރާއްޖެއަށް ބޭނުންވާ ތެޔޮ ހެޔޮ އަގުގައި ލިބުމަށް މަގުފަހިވެގެންދާނެ މުހިންމު ނިންމުމެއް ކަމަށް ބެލެވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލާއި ހަކަތަ މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.