ކުށުގެ މާޙައުލަށް ހުށަހެޅޭ ކުދިން އަނބުރާ މުޖުތަމަޢަށް ނެރުމަށްޓަކައި ރީހެބިލިޓޭޓް ކުރުމަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ "ހޯޕް އައިލެންޑް"ގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި އެންމެ ޒަމާނީ ފެންވަރުގައި ހިންގާ މި މަޝްރޫޢަކީ އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ތަނެއް ކަމަށެވެ. މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ހިއްކާ ބިމުގެ އިތުރަށް، އުތުރު ތިލަފަޅުން ވަކި ސަރަޙައްދެއް މިކަމަށް ޚާއްޞަކޮށްފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޒުވާނުން ކުށުގެ މާޙައުލަށް ވަންނަން މެދުވެރިވާ މައިގަނޑު ސަބަބުތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ކުށަށް އަރައިގަތުން ހުއްޓުވުމަށްޓަކައި ދާއިމީ ޙައްލެއް ލިބޭނީ އެކަމަށް މަގުފަހިވާ ސަބަބުތައް ނައްތާލައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމާއި، ޒުވާނުންނަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދިނުމުގެ އިތުރުން އަމިއްލަ ކުދި ވިޔަފާރިތައް ފެށުމަށް ފުރުޞަތު ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ހޯޕް އައިލެންޑް" އަކީ ބޮޑު ޚަރަދެއް ހިނގާނެ މަޝްރޫޢެއް ނަމަވެސް، ކުށްކުރާ ކުދިން އިޞްލާޙުކޮށް ބިނާކުރުމަށްޓަކައި މިފަދަ މަރުކަޒެއްގެ މުހިންމުކަން ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން ކުދިންނަށް ބޭނުންވާ ތަޢުލީމާއި، ތަރުބިއްޔަތާއި، މަސައްކަތްތެރިކަމުގެ ތަމްރީނުތައް ފޯރުކޮށްދީ، އެކުދިންނަކީ މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް ހެދުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.