\ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ތަޢާރަފްކޮށްފައިވާ ޑޮލަރު އިންވެސްޓްކުރުމުގެ ފުރުޞަތަކީ ޑޮލަރުގެ ކަޅު ބާޒާރަށް ބާރުލިބޭ ނުވަތަ އެކަމަށް މަގުފަހިވާ މުޢާމަލާތެއް ނޫން ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލްއިން މިކަން ސާފުކޮށްދީފައިވަނީ، ބޭންކުން ޑޮލަރު ގަންނަ އަގު ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް، ކަޅު ބާޒާރުގެ އަގުތަކުގައި މުޢާމަލާތް ކުރަމުންދާ ކަމަށް ބައެއް ފަރާތްތަކުން ކުރަމުންދާ ތުޙުމަތުތަކާ ގުޅިގެންނެވެ.
މި އިންވެސްޓްމަންޓް ޕްލޭނާ ގުޅޭގޮތުން ބޭންކުން ބުނީ، މިއީ ޑޮލަރު އިންވެސްޓްކޮށް އޭގެ މުޤާބިލުގައި އެ އަދަދަށްވާ ދިވެހި ފައިސާ ވަގުތުން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެއް ކަމަށެވެ. އަދި އިންވެސްޓްކުރާ ފައިސާއަށް ޖެހިގެން އަންނަ ދުވަހު %25 އާ ހަމައަށް އިތުރު ނަފާ ލިބޭނެ އިންވެސްޓްމަންޓް ޕޫލެއް އެ ބޭންކުން ވަނީ ތަޢާރަފްކޮށްފައެވެ. މި މުޢާމަލާތް ކުރިއަށް ގެންދިއުމަށް ތިން ގިންތިއަކުން އިންވެސްޓް ކުރެވޭނެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި ނިޒާމު ހިނގާގޮތް ތަފްޞީލުކޮށްދެމުން ބީއެމްއެލްއިން ބުނެފައިވަނީ، ކަސްޓަމަރުންގެ އަމިއްލަ އެކައުންޓުގައި ހުންނަ ޑޮލަރު ބޭންކުގެ އިންވެސްޓްމަންޓް ޕޫލް ހުޅުވިފައި ހުންނަ ގަޑިތަކުގައި އިންވެސްޓް ކުރުމުން، އެއަށްވާ ދިވެހި ފައިސާ ވަގުތުން ކަސްޓަމަރުގެ އެކައުންޓަށް ޖަމާވާނެ ކަމަށެވެ. މިގޮތުން އެއްކުރެވޭ ޑޮލަރު އިންވެސްޓް ކުރަނީ ބައިނަލްއަޤުވާމީ އީކޮމާސް ޕްލެޓްފޯމްތަކުގައި ކުރާ ވިޔަފާރިތަކަށެވެ.
ބޭންކުން އިތުރަށް ފާހަގަކުރި ގޮތުގައި، މިދިޔަ އަހަރުން ފެށިގެން އީކޮމާސް ޕްލެޓްފޯމްތަކުގެ ތެރެއިން ކަނޑައެޅިފައިވާ ވަކި ޕްލެޓްފޯމްތަކެއްގައި ކުރާ މުޢާމަލާތްތަކުން %30 ގެ ފީއެއް ދަނީ ނަގަމުންނެވެ. އިންވެސްޓަރުންނަށް ދޭ ނަފާ ނެރެނީ މި ފީގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން ބޭންކުގެ އިދާރީ ޚަރަދަށް %5 ކެނޑުމަށްފަހު ބާކީވާ ބައިން ކަމަށް ބީއެމްއެލްއިން ބުނެއެވެ.
މި ނިންމުމާއެކު، ބޭންކުން ބޭނުންވަނީ ރަސްމީ ނިޒާމުގެ ތެރެއިން ޑޮލަރުގެ މުޢާމަލާތްތައް ފަސޭހަކޮށްދީ، އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ރައްކާތެރި މާޙައުލެއްގައި ނަފާ ހޯދައިދިނުމަށެވެ.