ހއ. އުތީމު: ހއ. އުތީމުގައި ސަރުކާރުން ކުރިއަށްގެންދާ ތަރިކަ ހިމާޔަތްކުރުމުގެ މުހިންމު މަޝްރޫޢުތައް ނިންމައި، މިއަހަރުގެ ޤައުމީ ދުވަހާ ދިމާކޮށް އެ ތަންތަން ހުޅުވުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އުތީމާއި، ތަކަންދޫ އަދި ބާރަށުގައި ހުރި އާސާރީ ބިނާތައް ހިމާޔަތްކުރުމަށް ކުރިއަށްދާ މަސައްކަތްތައް ބައްލަވައިލެއްވުމަށާއި، ޤައުމީ ދުވަހުގެ ތައްޔާރީތައް އޮޅުންފިލުއްވުމަށް ހއ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އުތީމަށް ވަޑައިގެން ދައުލަތުގެމީޑިއާއަށް މައުލޫމަތުދެއްވަމުންނެެވެ.
ވަޒީރު ހީނާ ވިދާޅުވީ، މިއަހަރުވެސް ޤައުމީ ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުން އުތީމުގައި އޮންނާނެ ކަމަށާއި، މިދިޔަ އަހަރުގެ ޤައުމީ ދުވަހު އެ ރަށުގައި ފަށާފައިވާ މުހިންމު މަޝްރޫޢުތައް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. މީގެ ތެރޭގައި އުތީމު ބޮޑުތަކުރުފާނުގެ ޒިކުރާ އާލާކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ބޮޑުތަކުރުފާނު ދޮރާއްޓާއި، ކަދުވަލު މިސްކިތުގެ އިތުރުން އެ ސަރަހައްދުގައި ހުރި އާސާރީ ތަންތަން ތަރައްޤީކުރުމާއި، "ވާހަކަ ވައު" ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. "ވާހަކަ ވައު" މަޝްރޫޢުގެ ތެރެއިން ބޮޑުތަކުރުފާނުގެ ޖިހާދާ ގުޅޭ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދެވޭނެ ކަމަށާއި، ކަދުވަލު މިސްކިތް މަރާމާތުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ މި މަސައްކަތްތައް މިއަހަރުގެ ޤައުމީ ދުވަހުގެ ކުރިން ނިންމައި، އާންމުންނަށް ހުޅުވާލުމެވެ. މިއީ ރާއްޖޭގެ ތާރީޚާއި ތަރިކަ ދިރުވައި އާލާކުރުމަށް ރައީސް މުޢިއްޒު ދެއްވާ އިސްކަމުގެ ދަށުން ކުރިއަށްދާ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.