މިރެއާއި މާދަމާ ރޭ ހުޅުމާލޭގައި ހަވާ އެރުވުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
މިރެއާއި މާދަމާ ރޭ ހުޅުމާލޭގައި ހަވާ އެރުވުމަށް ނިންމައިފި

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" ގެ ތެރެއިން މިރެއާއި މާދަމާ ރޭ ހަވާ އެރުވުމަށް ހަމަޖެހިއްޖެއެވެ.

އެމްއެމްއޭ އިން މައުލޫމާތު ދޭ ގޮތުގައި، މިރެއާއި މާދަމާ ރޭ ހަވާ އެރުވުން އޮންނާނީ ރޭގަނޑު 10:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިއީ މިހާރު ކުރިއަށްދާ ފައިނޭންޝަލް އެކްސްޕޯގެ ހަރަކާތްތަކުގެ ތެރެއިން އާންމުންނަށް ހުޅުވާލައިގެން ބާއްވާ ހާއްސަ ހަރަކާތެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި މި އެކްސްޕޯގެ ތެރެއިން މިއަދު ކުރިއަށް ދަނީ ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެކެވެ. އެގޮތުން މިއަދު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ހަވީރުގައި ތަފާތު އެކި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ކުޅިވަރުގެ އިތުރުން ގިނަ އިނާމުތަކެއް ލިބިގެންދާނެ ކަމަށް އެމްއެމްއޭ އިން ހާމަކުރެއެވެ.

މި އެކްސްޕޯއަކީ މާލީ ދާއިރާގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ. ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯ ކޮންމެ ދުވަހަކުވެސް ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް އާންމުންނަށް ހުޅުވާލާފައި ހުންނާނެއެވެ.

އެމްއެމްއޭ އިން ވިދާޅުވި ގޮތުގައި، އެކްސްޕޯ ބަލާލުމަށާއި ހަވާ އެރުވުމުގެ ހަރަކާތްތައް ބަލާލުމަށް ވަނުމުގެ ފުރުސަތު އާންމުންނަށް ވަނީ ހިލޭ ހުޅުވާލާފައެވެ. މި އެކްސްޕޯގެ މަގުސަދަކީ ރާއްޖޭގެ މާލީ އިދާރާތަކުން ދޭ ހިދުމަތްތަކަށް އާންމުން ހޭލުންތެރިކުރުވުމެވެ.

މިއަދު އޮންލައިން