ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން އަލުން ހުޅުވާލައިފިއެވެ. މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 22 ވާ ހޮނިހިރު ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެޕްރީލް 4 ވަނަ ދުވަހު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައިވެސް އަދި މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައިވެސް ރަކީދޫ ކޮމިޓީގެ ރައީސްގެ މަޤާމަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާކަމަށެވެ. އެހެންކަމުން ޤާނޫނުގައިވާ ގޮތުގެ މަތިން އެ މަޤާމަށް މީހަކު އިންތިޚާބު ކުރުމަށް އަލުން ފުރުސަތު ހުޅުވާލީ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ޝައުޤުވެރިވާ ފަރާތްތަކަށް މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ފޯމު ހުށަހެޅޭނެއެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކާއި އިދާރީ ފީ ދައްކަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާ މެދު ނިންމާ ގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންމެހާ އެންގުންތައްވެސް މުޢާމަލާތު ކުރެވޭނީ މި ޕޯޓަލް މެދުވެރިކޮށެވެ. މިއީ އިންތިޚާބީ ކަންކަން އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ކުރުމަށް ކުރެވޭ މަސައްކަތެކެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވަންދެން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ. އަދި ހުކުރު ދުވަހު ފޯމު ހުށަހެޅޭނީ މެންދުރުފަހު 15:30 އިން ހަވީރު 18:00 އަށެވެ. މި އިންތިޚާބަކީ ރަކީދޫގެ އަންހެނުންގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް މުހިންމު އިންތިޚާބެކެވެ.

މިއަދު އޮންލައިން