ސިނގިރޭޓުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ސިނގިރޭޓުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

ސިނގިރޭޓުން ނަގާ ޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރުމަށްފަހު، އަނެއްކާވެސް 4 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު މިއަދު ފާސްކޮށްފިއެވެ. ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނައި މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ. މި ބިލަށް ސަރުކާރު ހިންގާ ޕާޓީގެ އިތުރުން އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް ވަނީ ތާއީދުކުރައްވާފައެވެ. ނަމަވެސް، ބިލު ފާސްކުރުމުގެ ކުރިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ކަމާބެހޭ މުވައްސަސާތަކާ ބައްދަލުކޮށް، މި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ހުށަހަޅުއްވާފައެވެ.

މި އިސްލާހުގެ ދަށުން ސިނގިރޭޓާއި ބިޑީގެ އިތުރުން، ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ބަދަލުވެގެންދާނެއެވެ. މީގެ އިތުރުން މި ހުރިހާ ބާވަތަކުން 30 އިންސައްތައިގެ އެޑްވޮލެރަމް ޑިއޓީއެއް ނެގުމަށްވެސް ވަނީ ނިންމާފައެވެ. ސަރުކާރުން ހާމަކުރި ގޮތުގައި މި ބަދަލު ގެނައީ 2024 ވަނަ އަހަރުގެ ފަހުކޮޅު ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ވަގަށް ސިނގިރޭޓު އެތެރެކުރުން އިތުރުވެފައިވާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) ގެ ލަފާގެ މަތިންނެވެ.

މި ބިލުގެ އަނެއް މުހިންމު ބޭނުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން، ދުންފަތާ ދުރުވުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗު ފަދަ ސިއްހީ ވަސީލަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކުރުމަށް މި އިސްލާހުގައި ވަނީ ހިމަނާފައެވެ. މިއީ އާންމުން ދުޅަހެޔޮ އާދަތަކަށް އަހުލުވެރިކުރުވުމަށް ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން