މޫސުމީ ބަދަލުތަކާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސްގައި މިނިސްޓަރު އަލީ ޝަރީފް ބައިވެރިވެވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
މޫސުމީ ބަދަލުތަކާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސްގައި މިނިސްޓަރު އަލީ ޝަރީފް ބައިވެރިވެވަޑައިގެންފި

މޫސުމީ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅޭގޮތުން ބޭއްވި 7 ވަނަ ބައިނަލްއަގުވާމީ ކޮންފަރެންސްގައި ދިވެހިރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު، އޮނަރަބަލް އަލީ ޝަރީފް ބައިވެރިވެވަޑައިގެންފިއެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ދެމެހެއްޓެނިވި އަދި ކަންކަމަށް ތައްޔާރުވެފައިވާ ހަކަތައިގެ މުސްތަގުބަލެއް ބިނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން އަލިއަޅުއްވާލައްވާފައެވެ.

މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަލީ ޝަރީފް ވަނީ އިންޓަގްރޭޓެޑް އެނާޖީ ޕްލޭނިންގް ނުވަތަ ހަކަތައާ ގުޅޭ ރޭވުންތައް އެކުލަވާލުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވާފައެވެ. އަދި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރުކޮށް، ނިޒާމުތަކުގެ ވަރުގަދަކަން ކަށަވަރުކުރުމާއެކު، ހަކަތައަށް ބަދަލުވުމުގެ މަރުހަލާއަކީ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ، އިންސާފުވެރި މަރުހަލާއަކަށް ހެދުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެ އިތުރުން، އިރުގެ ހަކަތަ އާއި ބެޓެރީ ސްޓޯރޭޖް ފަދަ ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފުމާއި، 'ޑެޓް-ފޯ-ކްލައިމެޓް ސްވޮޕްސް' ފަދަ މާލީ އުކުޅުތަކާ ގުޅޭގޮތުން ވެސް މިނިސްޓަރު ވާހަކަފުޅު ދެއްކެވިއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ، ދުނިޔެ ހޫނުވުމަށް މަގުފަހިވާ ގޭސްތައް ބޭރުކުރުމުގައި އެންމެ ކުޑަ މިންވަރަކަށް ހިއްސާވާ ކުދި ޖަޒީރާ ގައުމުތަކުން، ހަކަތައިގެ ބަދަލުތަކަށް އެންމެ ބޮޑު ހޭދައެއް ކުރަންޖެހުމަކީ އިންސާފެއް ނޫން ކަމަށެވެ.

މިނިސްޓަރު އަލީ ޝަރީފްގެ ވާހަކަފުޅު ނިންމަވާލެއްވީ، ބައިނަލްއަގުވާމީ ބައިވެރިވުންތަކާއި، އައު އީޖާދުތަކާއި، އަދި މޫސުމީ އިންސާފުގެ (Climate Justice) ތެރެއިން، އެންމެ ނާޒުކު ގައުމުތަކަށް ހަކަތައިގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން