ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރުމުގެ ރަސްމީ މަޝްވަރާތައް ފަށައި، އޭގެ ފުރަތަމަ ބައްދަލުވުން މިދިޔަ ހޯމަ ދުވަހު ބާއްވައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ދެވަނަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނީ ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކަމަށެވެ. މި މަސައްކަތުގައި އިގްތިސާދީ ވުޒާރާގެ ފަންނީ ބޭފުޅުންނާއި، ސަރުކާރުގެ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ އިތުރުން އަމިއްލަ ސެކްޓަރުގެ ބައިވެރިވުންވެސް ފުޅާދާއިރާއެއްގައި ހިމެނޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، "ދެ ގައުމުގެ ވިސްނުންވެސް ހުރީ ވީ އެންމެ އަވަހަކަށް މި އެއްބަސްވުން ނިންމާލަން. އަޅުގަނޑުމެންގެ ޓާގެޓަކީވެސް އެއީ. މިކަމުގައި ރާއްޖޭގައި ތިބި ފަންނީ ބޭފުޅުންނާއި ޕްރައިވެޓް ސެކްޓަރުގެ ލަފާގެ މަތިން މަސައްކަތް ކުރިއަށްދާނީ،" ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އުފައްދާ ބާވަތްތަކަށް ބޭރުގެ މާކެޓްތަކުން ލުއިތައް ހޯދުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން ލިބޭ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ޑިއުޓީ ކުޑަވުމުގެ އިތުރުން ވިޔަފާރިތަކަށް އެހެނިހެން ފުރުސަތުތައްވެސް ފަހިވާނެ ކަމަށެވެ. އެގޮތުން ޗައިނާއާއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން އަލިބާބާ ފަދަ ޕްލެޓްފޯމްތަކުގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ލިބުނުކަން ވަޒީރު މިސާލެއްގެ ގޮތުގައި ދެއްކެވިއެވެ.
އިންޑިއާއާއެކު މި އެއްބަސްވުން ގާއިމުކުރެވުމުން، ދުނިޔޭގެ އެންމެ ބޮޑު ދެ ކޮންސިއުމާ މާކެޓް ކަމަށްވާ ޗައިނާއާއި އިންޑިއާއާއެކު ރާއްޖެއިން މިނިވަން ވިޔަފާރީގެ ގުޅުން ގާއިމުކުރެވޭނެއެވެ. އިންޑިއާއާއެކު މި މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.