ވީއެމްސީ އިން "ދިސް އިޒް މައި މޯލްޑިވްސް"ގެ ނަމުގައި ބައިނަލްއަޤުވާމީ ފޮޓޯގްރަފީ މުބާރާތެއް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ވީއެމްސީ އިން "ދިސް އިޒް މައި މޯލްޑިވްސް"ގެ ނަމުގައި ބައިނަލްއަޤުވާމީ ފޮޓޯގްރަފީ މުބާރާތެއް ހުޅުވާލައިފި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން "ދިސް އިޒް މައި މޯލްޑިވްސް"ގެ ނަމުގައި ބައިނަލްއަޤުވާމީ ފޮޓޯގްރަފީ މުބާރާތެއް ރަސްމީކޮށް ހުޅުވާލައިފިއެވެ. މި މުބާރާތަކީ ކޮންޓެންޓް ކްރިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިންގެ ނަޒަރުން ރާއްޖޭގެ ރީތިކަން މުޅި ދުނިޔެއަށް ހާމަކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

މި މުބާރާތް އިފްތިތާޙުކޮށްފައިވަނީ "ކްރިއެޓޯލް" ޕްލެޓްފޯމް ތައާރަފުކުރުމަށް ދައުލަތުގެ މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ވީއެމްސީން ބުނި ގޮތުގައި، މިއީ ހުރިހާ ފަންތިއެއްގެ ފޮޓޯގްރާފަރުންނަށްވެސް ބައިވެރިވެވޭ ގޮތަށް، ރާއްޖޭގެ ރީތިކަމާއި، ސަޤާފީ މުއްސަނދިކަން އަދި ދިވެހިންގެ އާންމު ދިރިއުޅުން ފޮޓޯގެ ޒަރީއާއިން ދައްކާލުމަށް ހުޅުވާލި ރަނގަޅު ފުރުޞަތެކެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހެނީ ރާއްޖޭގެ ރަށްތަކާއި، މީހުންނާއި، ސަޤާފަތާއި، ތިމާވެށި އަދި ރާއްޖޭގައި ކުރެވޭ ތަފާތު ތަޖުރިބާތައް ރަމްޒުކޮށްދޭ އަމިއްލަ ފޮޓޯތަކެކެވެ. މުބާރާތަށް ހުށަހަޅާ ފޮޓޯތަކަކީ ރާއްޖޭގައި ނަގާފައިވާ އަމިއްލަ އުފެއްދުންތަކަށް ވާންޖެހޭނެ ކަމަށް ވީއެމްސީން ބުނެއެވެ.

މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 50,000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ. މިއީ ފޮޓޯގްރަފީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހުށަހަޅާފައިވާ ބޮޑު އިނާމެކެވެ.

މުބާރާތަށް ހުށަހަޅާ ފޮޓޯތަކުގެ ކޮޕީރައިޓް ފޮޓޯގްރަފަރަށް އޮތް ނަމަވެސް، އެ ފޮޓޯތައް ރާއްޖެ އިޝްތިހާރު ކުރުމަށާއި ރަސްމީ އެކި ބޭނުންތަކުގައި ބޭނުންކުރުމުގެ ހުއްދަ ވީއެމްސީއަށް ލިބިގެންދާނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ނިންމާފައިވާ ނިންމުމެކެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 1 ޖުލައި އިން ފެށިގެން 30 ސެޕްޓެމްބަރުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ޝައުޤުވެރިވާ ފަރާތްތަކަށް ފޮޓޯ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މިއަދު އޮންލައިން