ދިވެހިރާއްޖެއިން އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ކަނޑައެޅުއްވި އައު ސަފީރު، ތޯރިގު އިބްރާހިމް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅުގެ ކޮޕީ އެ ގައުމުގެ ސަރުކާރަށް ހުށަހަޅުއްވައިފިއެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އައު ސަފީރުގެ ފަތްކޮޅުގެ ކޮޕީއާ ހަވާލުވެވަޑައިގަތީ އެ މިނިސްޓްރީގެ އަންޑަސެކްރެޓަރީ އުމަރު އުބައިދު އަލްހަސަން އަލްޝާމްސީ އެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގައެވެ.
މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ލާބަޔާއި މަންފާއަށްޓަކައި ތަފާތު އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އަންޑަސެކްރެޓަރީ އުމަރު އުބައިދު އަލްހަސަން އަލްޝާމްސީ ވަނީ ދެއްވާފައެވެ.
ރާއްޖެއާއި ޔޫއޭއީއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ. އައު ސަފީރު ތޯރިގު އިބްރާހިމްގެ ދައުރުގައި މި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ދެ ގައުމުންވެސް އުންމީދު ކުރެއެވެ.