ހަނގުރާމައިގެ ހާލަތެއް ދިމާވާއިރު ރާއްޖޭގެ އަމިއްލަ ކޮންޓްރޯލް އޮތް ވައިޑްބޮޑީ އެއަރ ކްރާފްޓެއް އޮތުން މުހިންމު: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ހަނގުރާމައިގެ ހާލަތެއް ދިމާވާއިރު ރާއްޖޭގެ އަމިއްލަ ކޮންޓްރޯލް އޮތް ވައިޑްބޮޑީ އެއަރ ކްރާފްޓެއް އޮތުން މުހިންމު: ވަޒީރު

ހަނގުރާމައިގެ ހާލަތު ފަދަ ނުރައްކާތެރި ހާލަތެއް ދިމާވާއިރު، ރާއްޖޭގެ އަމިއްލަ ކޮންޓްރޯލް އޮތް ވައިޑްބޮޑީ އެއަރ ކްރާފްޓެއް އޮތުމަކީ ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމު ކަމެއް ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މެންބަރުގެ ސުވާލު ބިނާކުރައްވާފައި ވަނީ ވައިޑްބޮޑީ އެއަރ ކްރާފްޓް އޮޕަރޭޝަނާއެކު ލިބުނު ކުރިއެރުންތަކާއި، ފްލައިޓުގެ މަންޒިލްތަކުގެ އިތުރުން، ޗައިނާ އާއި އިންޑިއާ ނޫން އެހެން މަންޒިލްތަކަށް ދަތުރުތައް ފަށާނެ ތާރީޚެއް ސާފުކުރުމަށެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ފާހަގަކުރެއްވި ގޮތުގައި، ކުއްލި ހާލަތްތަކުގައި ގައުމަށް ބޭނުންވާ ޒަރޫރީ ތަކެތި ގެނައުމަށް އަމިއްލަ އެއަރލައިނެއްގެ ދައުރު ބޮޑެވެ. މިސާލެއްގެ ގޮތުން އެމަނިކުފާނު ދެއްކެވީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ކުރިމަތިވި ގޮންޖެހުންތަކެވެ.

"އެނގިވަޑައިގަންނަވާނެ ކޯވިޑްގެ ހާލަތުގައި ވެސް ރާއްޖޭގެ އެއަރބަސް އޮޕަރޭޝަން އޮތީމަ ރާއްޖެއަށް ލިބިގެންދިޔަ ޒަރޫރީ ބޭސްގެނައުމަށް ފުރުސަތު،" ވަޒީރު ވިދާޅުވިއެވެ. މިފަދަ ތަޖުރިބާތަކަށް ބަލާއިރު، ބޭރުގެ އެހީތެރިކަމަށް އެކަނި ބަރޯސާނުވެ، ރާއްޖޭގެ އަމިއްލަ ބާރު ހިނގާ ބޮޑެތި ބޯޓުފަހަރު އޮތުމަކީ އިސްތިރާތީޖީ ގޮތުން ކޮންމެހެން ބޭނުންތެރި ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވައިޑްބޮޑީ އެއަރ ކްރާފްޓްގެ ސަބަބުން ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާއިރު، މީގެ ސަބަބުން ދުރު މަންޒިލްތަކަށް ސީދާ ދަތުރުތައް ކުރެވި، ފަތުރުވެރިކަމަށް ވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

މިއަދު އޮންލައިން