ރާއްޖެއަށް އަލަށް ތަޢާރަފުކުރި ޕޭޕަލްގެ ޚިދުމަތާ މިހާތަނަށް 3,280 ފަރާތަކުން ގުޅިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މި ޚިދުމަތަށް ލިބެމުންދާ ތަރުޙީބުގެ ތަފްސީލުތައް ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މި ޚިދުމަތް ރާއްޖޭގައި ދޭން ފަށާފައިވަނީ އުރީދޫ އެމް-ފައިސާ އާއި ޕޭޕަލް އިންޓަގްރޭޓް ކޮށްގެންނެވެ. މިގޮތުން މިހާތަނަށް ޖުމްލަ 3,280 ފަރާތަކުން މި ޚިދުމަތާ ގުޅިފައިވާއިރު، އޭގެ ތެރެއިން 2,159 ފަރާތަކުން ޕޭޕަލް ވޮލެޓް އެކްޓިވޭޓްކޮށްފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިއީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ލިބުނު ވަރަށް ބޮޑު ފުރުޞަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ޕޭޕަލް ފަދަ ބައިނަލްއަޤުވާމީ މާލީ މުޢާމަލާތްތައް ކުރެވޭ ނިޒާމެއް ރާއްޖެއަށް ގެނައުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ.
ސަރުކާރުގެ އަމާޒަކީ ޕޭޕަލް އަދި އުރީދޫއާ ގުޅިގެން މި ޚިދުމަތް އިތުރަށް ފުޅާކޮށް ކުރިއެރުވުމެވެ. މި ޚިދުމަތުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނަށް ބައިނަލްއަޤުވާމީ ބާޒާރުގައި މުޢާމަލާތްތައް ހިންގުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.