ފުލުހުންގެ ޒަމާނީ ޑޭޓަރ ސެންޓަރެއް އެޅުމުގެ އަމަލީ މަސައްކަތް މިހާރުވަނީ ފެށިފައި: ވަޒީރު އިޙްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 25ސ
ފުލުހުންގެ ޒަމާނީ ޑޭޓަރ ސެންޓަރެއް އެޅުމުގެ އަމަލީ މަސައްކަތް މިހާރުވަނީ ފެށިފައި: ވަޒީރު އިޙްސާން

ފުލުހުންގެ މަސައްކަތުގައި ބޭނުންކުރާ ޓެކްނޮލޮޖީ ހޮސްޓުކުރުމަށް އެއްމެ ޒަމާނީ ޑޭޓަރ ސެންޓަރެއް އެޅުމުގެ އަމަލީ މަސައްކަތް މިހާރުވަނީ ފެށިފައި ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ފުލުހުންގެ 93 ވަނަ އަހަރީދުވަހުގެ ރަސްމީ ޖަލްސާގާއި ވާހަކަ ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމަރޖެންސީ ރެސްޕޮންސް ސެންޓަރުގެ ޤާބިލުކަން އިތުރުކުރުމަށް ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިންގ އިކުއިޕްމަންޓާއި، އެހީއަށްއެދި ގުޅާފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭނެ ގޮތާއި އެހިސާބެއްގައި ހަރުކުރެވިފައިވާ ފުލުހުންގެ ކެމެރާފީޑްތައް ވަގުތުން ފެންނަގޮތަށް ސިސްޓަމް އަޕްގްރޭޑްކުރެވިގެންދާނެ ކަމަށެވެ.

އަދި މީގެ އިތުރުން ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑަރ ޚިދުމަތްވެސް ކުރިއަށް އޮތް އަހަރު ތެރޭގައި ތާރަފްކުރެވި މި ޚިދުމަތުގެ ސަބަބުން ފުލުހުންނަށް އިންސިޑެންޓެއް ރިޕޯޓުކުރުމާއިއެކު ފުލުހުންގެ ޑްރޯން އެސަރަހައްދަކަށް ޑިޕްލޮއި ކުރެވި ރެސޕޮންޑްކުރާ އޮފިސަރުންނާއި ކޮމާންޑް ސެންޓަރަށް ތަނުގެ ހާލަތު ވިޑިއޯގެ ޒަރިއްޔާއިން ވަގުތުން އަންގަމުންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެއްގަމުގެ ޓްރެފިކާއި އަދި ކަނޑު ހުރަސްކޮށް ޚިދުމަތްފޯރުކޮށްދޭން ދާންޖެހޭ ހާލަތުގައި ފުލުހުން އެހިސާބަށް ދިއުން ލަސްވިޔަސް ޑްރޯންގެ އެހީގައި ވަގުތުން އެތަނެއްގެ ހާލަތު ދެނެގަނެވި މިހާރަށްވުރެ އެފިޝިއެންޓްކޮށް ޚިދުމަތްދެވިގެންދާނެ. މިއާއިއެކު ފުލުހުންގެ މަސައްކަތުގައި ބޭނުންކުރާ ޓެކްނޮލޮޖީ ހޮސްޓުކުރުމަށް އެއްމެ ޒަމާނީ ޑޭޓަރ ސެންޓަރެއް އުޅުމުގެ އަމަލީ މަސައްކަތް މިހާރުވަނީ ފެށިފައި. މާތްﷲގެ އިރާދަފުޅާއިއެކު މިކަންކަން ނިމިގެންއަނައިރު ދިވެހި ފުލުހުން ރައްޔިތުންނަށް ދެއްވަމުންގެންދަވާ ޚިދުމަތް އެތައްގުނައަކަށް ފުރިހަމަވާނެ. ވަޒީރު

އަދުގެ ސަރުކާރުން ދިވެހި ފުލުހުންނަށް ދީފައިވާ ސްޓްރެޓެޖިކް ޕޮލިސިންގ ރިކުއަރމަންޓާއި އެއްގޮތަށް ފުލުހުންގެ މުއައްސަސާގެ ސަފުތައް މިހާރުވަނީ ރުކުރުވާލެވިފައިކަން ފާހަގަކުރައްވާ ވަޒީރު ވަނީ ކުރިއަށްއޮތް އަހަރު ވެގެންދާނީ މަސްތުވާތަކެތީގެ ވިޔާފާރިކުރާ ފަރާތްތަކަށް ޓާގެޓްކޮށްގެ ފުލުހުންކުރާ މަސައްކަތް އިތުރު ގިއަރަކަށް ބަދަލުކޮށް އިތުރު ފުރިހަމަ ނަތީޖާ ނެރޭނެ އަހަރަކަށް ކަމަށް ވިދާޅުވެފައެވެ.

އަދި ގޭންގުހަދައިގެން ރަށުތެރޭގެ އަމަންނަގާލަމުން އައި އައުން މިހާރު ވަނީ ބޮޑުތަނުން ކޮންޓްރޯލްކުރެވިފައި ކަމަށާއި ކުރިއަށް އޮތް އަހަރު ވާނީ ކުށުގެ މާހައުލުގައި ހަރަކާތްތެރިވަމުން އައި މިފަދަ ކުދިން އެމާހައުލުން ދުރުކޮށް ރައީސުލްހުމްހޫރިއްޔާގެ ތަރައްޤީގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ސިކުނޑި އާއި ނަފްސުތަރަޤީކުރުމުގެ ސިޔާސަތުގެ ދަށުން ފުލުހުންގެ މަސައްކަތުން މިދެންނެވި ކުދިންނަށް އަލުން އަނބުރާ މުޖުތަމައުގައި އަބުރުވެރިކަމާއިއެކު އުޅެވޭނެ މަގު ފަހިކޮށްދޭނެ އަހަރެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.

ކުރިއަށްއޮތް އަހަރު ވެގެންދާނި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީ ފަރާތްތަކާއި މިހާރު ބަޔޮމެޓްރިކްސްނުދީ ފިލައިގެން އުޅޭ 2 ހާހެއްހާ ބިދޭސީން ތިބިތަނަކުން ހޯދައި ރާއްޖެއިން ޑިޕޯޓުކުރުމަށް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރާނެ އަހަރަކަށް. އަދި ކުރިއަށްއޮތް އަހަރުވެގެންދާނި އަމަން ބެލެހެއްޓުމަށް ޓެކްނޯލޮޖީއާއި އެކު ފުލުހުންގެ އޮފިސަރުންވެސް މިހާރަށްވުރެ ގިނައިން މަގުމަތިން ފެނިގެންދާނެ ފުލުހުންގެ ޚިދުމަތުގެ އިތުރު ރަން އަހަރަކަށް. ފުލުހުންގެ މުއައްސަސާގެ ޒިއްމާ ހަވާލުވެފައިވާ ވަޒީރެއްގެ ހައިސިއްޔަތުން އަޅުގަނޑު ދިވެހި ފުލުންގެ ޚިދުމަތާއިމެދު ފަހުރުވެރިވޭ. އަދި އިއްޒަތްތެރި ރައީސްއަށާއި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވާ ޔަޤީންކަމަކީ ތިބޭފުޅުންވެސް ވަރަށް ފަހުރުވެރިވާ ޚިދުމަތެއް ކުރިއަށްއޮތް އަހަރު ފުލުހުން ދެއްވާނެކަން. ވަޒީރު

ވަޒީރު ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ އެއްމެ އަގުބޮޑު ރައުސުލްމާލަކީ ދިވެހި ރައްޔިތުން މުއައްސަސާއަށް ކުރައްވާ އިތުބާރު ކަމަށާއި މި އިތުބާރު ދެމިއޮންނަނީ ފުލުހުންގެ އިންޓެގްރިޓީ އާއި ހަމަހަމަކަމާއި، ޒިއްމާދާރުކަމާއި، ޕްރޮފެޝަނަލިޒަމް އަދި ރައްޔިތުންނަށް ދެއްވާ އިޚްތިރާމުން ކަމަށެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން