އަތޮޅުތެރޭގެ ހުނަރުވެރި ކުޅުންތެރިން ޤައުމީ ޓީމުތަކަށް ނަގައި، ބައިނަލްއަޤުވާމީ ފުރުޞަތު ހޯދައިދިނުމަކީ ސަރުކާރުގެ އުންމީދެއް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
އަތޮޅުތެރޭގެ ހުނަރުވެރި ކުޅުންތެރިން ޤައުމީ ޓީމުތަކަށް ނަގައި، ބައިނަލްއަޤުވާމީ ފުރުޞަތު ހޯދައިދިނުމަކީ ސަރުކާރުގެ އުންމީދެއް: ވަޒީރު

އަތޮޅުތެރޭގައި ތިބި ހުނަރުވެރި ކުޅުންތެރިން ދެނެގަނެ، އެ ކުޅުންތެރިން ނޭޝަނަލް ޓީމުތަކަށް ނަގައި ބައިނަލްއަޤުވާމީ މައިދާނުގައި ވިދާލާނެ ފުރުޞަތު ހޯދައިދިނުމަކީ ސަރުކާރުގެ ބޮޑު އުންމީދެއް ކަމަށް ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މ. މުލަކުގައި އަލަށް އިމާރާތް ކުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ މުލަކުގައި މިއަދު ހުޅުވި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އިޖުތިމާޢީ ގުޅުން ވަރުގަދަކޮށްދޭނެ މުހިންމު ބިނާއެއް ކަމަށެވެ.

ކުޅިވަރުގެ ވަސީލަތްތައް ރަށްރަށުގައި އިތުރުކުރުމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނާއި ރައްޔިތުން ހެލިފެލިވެ އުޅުން އިތުރުކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ވަސީލަތްތަކުގެ ސަބަބުން ހުނަރުވެރި ކުދިންނަށް ކުރިއަށްދާނެ މަގު ފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި މިފަދަ މަރުކަޒުތަކުގެ ސަބަބުން ލިބޭނެ ޞިއްޙީ ފައިދާތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ގައިންގަޔަށް ނާރާ ބަލިތައް މަދުކޮށް، ޞިއްޙީ ގޮތުން ދުޅަހެޔޮ އާބާދީއެއް ބިނާކުރުމަށް މިފަދަ މަރުކަޒުތަކުން ބޮޑު އެހީތެރިކަމެއް ލިބޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިޓްނަސް ސެންޓަރުތައް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި މަރުކަޒުތަކަކީ އިންޑޯ ކުޅިވަރުތަކާއި ޖިމްގެ ޚިދުމަތް ފުރިހަމައަށް ލިބޭނެ ތަންތަން ކަމަށެވެ. މިއީ ރައްޔިތުންގެ ދުޅަހެޔޮކަމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން